Roadha Mihaaru
ވިލިމާލެއަށް ބަސްތައް ގެންދިއުމުން ކައުންސިލުން ޕޮލިހަށް

އެމްޓީސީސީން ވިލިމާލެ އަށް ބަސްތައް ގެންދިޔަ މައްސަލަ ޕޮލިހަށް

19 ޖެނުއަރީ 2023

މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން އިއުލާންކޮށްފައި ވަނިކޮށް، އެމްޓީސީސީން މާދަމާ އެ އަވަށުގައި ބަހުގެ ހިދުމަތް ފަށަން އިލެކްޓްރިކް ބަސްތަކެއް ގެންދިއުމުން ކައުންސިލުން ޕޮލިހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން އިއުލާންކޮށްފައި ވަނިކޮށް، އެމްޓީސީސީން މާދަމާ އެ އަވަށުގައި ބަހުގެ ހިދުމަތް ފަށަން އިލެކްޓްރިކް ބަސްތަކެއް ގެންދިއުމުން ކައުންސިލުން ޕޮލިހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ އުސޫލެއްގައިވާ ގޮތުން ވިލިމާލެ އަށް ވެހިކަލްތައް އެރުވެނީ އެ ކައުންސިލްގެ ހުއްދައާއެކު އެވެ.

ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ވަނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ފަށަން ބޭނުންވާ ބަގީތައް މި މަހުގެ ފަހުކޮޅު މާލެ ގެންނާނެ ކަމަށް ބުނެފަ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ބަގީގެ ހިދުމަތް ފަށާނެކަން ކައުންސިލުން އެ ދުވަހު އިއުލާނުކުރި އެވެ. އެއާއެކު އެމްޓީސީސީން ވެސް ބަހުގެ ހިދުމަތް ފަށާނެކަން އެ ރޭ އިއުލާން ކުރި އެވެ. އެކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުން ރޭ ވަނީ އެ ބަސްތައް ވިލިމާލެ އަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އަވަަށަށް ބަސްތައް އެރުވީ ހުއްދަ ނުހޯދާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށާއި އެލްޖީއޭ އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ވެހިކަލް އެރުވޭނީ ކައުންސިލްގެ ހުއްދައާއެކު. ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެ އަށް ބަސްތަކެއް ވަނީ އަރުވާފައި،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިއީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އަށް ނުފޫޒު ފޯރުވުމަށް ގާނޫނުތައް މުގުރާލުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

ކައުންސިލްގެ ހުއްދަ ނުހޯދާ ބަސްތައް ވިލިމާލެ އަށް އެރުވި މައްސަލައިގައި އެމްޓީސީސީގެ ބަހެއް ނުލިބުނެވެ.

އެ ކުންފުނިން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ، ވިލިމާލެ އަށް ބަހުގެ ހިދުމަތް ފުޅާކުރުމުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުން. އަދި އާރްޓީއެލް ވިލިމާލެ ބަހުގެ ހިދުމަތުގެ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނަން،" އެ ބަޔާނުގައިވެ އެވެ.

ވިލިމާލޭގައި މިހާރު ވެސް އަމިއްލަ ކުންފުޏްނަކުން ބަގީގެ ހިދުމަތް ދެ އެވެ.