Roadha Mihaaru
މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

ދެ އަހަރުގެ ތެރޭގައި އެންމެ ގިނައިން މުދާ އެތެރެ ކުރީ މިދިޔަ މަހު

14 ނޮވެމްބަރ 2021

މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެ ކޮށްފައިވަނީ މިދިޔަ މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެ ކޮށްފައިވަނީ މިދިޔަ މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އަށް ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެ ކުރި މަހެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓަށް ވެސް އަސަރު ކުރި އެވެ. އެގޮތުން، އިމްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިމްޕޯޓު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އަދި މިދިޔަ މަހު ވަނީ ކޮވިޑުގެ ކުރިން ހުރި ވަރަށް އިމްޕޯޓު އަރައިފަ އެވެ.

މިދިޔަ މަހުު ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އޮމާނާއި އިންޑިއާ އާއި ޔޫއޭއީ އާއި ޗައިނާ އަދި ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު އިތުރުވި ނަމަވެސް އެކްސްޕޯޓު ދަށްވުމުގެ ސަބަބުން އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދައުލަތަށް 424 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު ލިބުނީ 294 މިލިއަން ރުފިޔާ އެވެ. މިއީ 31 ޕަސެންޓުގެ ދަށްވުމެކެވެ.

ދައުލަތަށް މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ލިބުނެވެ.