Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ އަށް 104 ޕަސެންޓުގެ އިތުރުވުމެއް

15 ޖޫން 2021

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 104 ޕަސެންޓު އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 104 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ވަނީ 238 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ލިބުނީ 117 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު 3.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކުރި އިރު މިދިޔަ އަހަރުގެ މެއި މަހު އެތެރެ ކުރީ 1.6 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ މަހު 333 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓުު ކުރީ 174 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ އިންޑިއާއިންނެވެ. އެ ގައުމުން 449 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި އޮމާންއިން 431 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޔޫއެއީން ވަނީ 377 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނަ މުދާ އެކްސްޕޯޓު ކުރި ގައުމަކީ ތައިލެންޑެވެ. އެ ގައުމަށް 245 މިލިއަން ރުފިޔާގެ މުދާ ވަނީ މިދިޔަ މަހު އެކްސްޕޯޓު ކޮށްފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 1.09 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.