Roadha Mihaaru
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ

ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ

26 ޖުލައި 2022

ގައުމު ދޫކުރައްވައި ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެނބުރި ވަރަށް އަވަހަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށް، ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ޑރ. ބަންޑޫލާ ގުނަވަރްދަނެ މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމު ދޫކުރައްވައި ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެނބުރި ވަރަށް އަވަހަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށް، ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ޑރ. ބަންޑޫލާ ގުނަވަރްދަނެ މިއަދު ވިދާޅުވެއްޖެ އެވެ.

ކެބިނެޓްގެ ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ގޯޓާބޭ ސިންގަޕޫރަށް ވަޑައިގަތީ ލަންކާ އަށް އެނބުރި ވަޑައިނުގަންނަވާ ގޮތަކަށް ނޫނެވެ. އަދި ގޯޓާބޭ ސިންގަޕޫރުގައި ހުންނެވީ ފިއްލަވައިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ގޯޓާބޭ ލަންކާ އިން ބޭރަށް ވަޑައިގަތީ، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއާތެއް ފުރިހަމަ ކުރެއްވުމަށް ފަހު، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ގޯޓާބޭ އަށް ސިންގަޕޫރު ސަރުކާރުން ފުރިހަމަ ހިމާޔަތް ލިބިވަޑައިގަންނަވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޖުލައި 12 ވަނަ ދުވަހު، މަދަނީ މަތިންދާބޯޓެއްގައި ލަންކާ އިން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން، ލަންކާގެ އިމިގްރޭޝަން އޮފިސަރުން އެކަމަށް އެއްބާރުލުން ނުދީ، ގައުމުން ބޭރުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ރަސްމީ އިޖުރާއާތުތައް ފުރިހަމަކޮށްނުދިނުމުން، ގޯޓާބޭ އަށް ލަންކާ އިން ބޭރުވެވޭ ގޮތް ނުވީ އެވެ. އޭގެ ފަހުން ޖުލައި 13 ވަނަ ދުވަހު ލަންކާ ދޫކުރައްވާ ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި، ގޯޓާބޭ އެންމެ ފުރަތަމަ ވަޑައިގަތީ ދިވެހިރާއްޖެއަށެވެ.

ރާއްޖޭގައި އެއް ދުވަހު މަޑުކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގަތީ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ލަންކާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ގޯޓާބޭ މިވަގުތު ސިންގަޕޫރުގައި ހުންނެވީ، ސިންގަޕޫރު ސަރުކާރުން، 14 ދުވަހަށް ދީފައިވާ ކުރު މުއްދަތުގެ ވިސާއެއްގަ އެވެ.

ސިންގަޕޫރުން ހަމަޖައްސައިދިން ޚާއްސަ ވިސާގެ މުއްދަތު އިތުރުކޮށްނުދީފި ނަމަ، ސިންގަޕޫރު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުން، ގޯޓާބޭ އަށް މަޖުބޫރުވާނެ އެވެ.

ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިމަހުގެ 20 ވަނަ ދުވަހު ވަނީ ލަންކާގެ ރައީސްގެ މަގާމަށް، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިޚާބުކޮށްފަ އެވެ. ރައީސްކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގަތީ، މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިސްތިއުފާ ދެއްވި ރައީސް ގޯޓާބޭ ރާޖަޕަކްސަގެ ޕާޓީގެ ބޮޑު ތާއީދަކާއެކު، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން ޖުމްލަ 134 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.