Roadha Mihaaru
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފްލޯ އަންނަ އަހަރު

ގިނަ ސްޓޯލްތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފްލޯ އަންނަ އަހަރު ހުޅުވަނީ

27 ޖުލައި 2022

ހައިޕަ މާކެޓުް ކޮންސެޕްޓަށް ހުޅުވާފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް"ގެ ފުރަތަމަ ފްލޯ އަންނަ އަހަރުގެ މެދުތެރޭގައި ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހައިޕަ މާކެޓުް ކޮންސެޕްޓަށް ހުޅުވާފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް"ގެ ފުރަތަމަ ފްލޯ އަންނަ އަހަރުގެ މެދުތެރޭގައި ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

މިހާރު ހުރި އެންމެ ތިރީ ފްލޯއަށް ވުރެ ޖާގަ ބޮޑުކޮށް ހުޅުވާ ފުރަތަމަ ފްލޯއާ އެކު އިތުރު 50 ސްލޮޓް ވިޔަފާރިތަކަށް ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯގެ ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އިހުސާން ވިދާޅުވީ ފްލޯގެ ޑިޒައިނިން އަދި ޓެކްނިކަލް ޑީޓެއިލިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ އެތަން މޮބިލައިޒް ކުރުމުގެ މަސައްކަތް. އަންނަ އަހަރު މެދުތެރެއަށް ރަސްމީކޮށް ހުޅުވޭވަރު ވާނީ. އަހަރު ފެށޭކޮޅު ސްލޮޓްތައް ލީސިން އަށް ހުޅުވާލާނަން،" އިހްސާން ވިދާޅުވި އެވެ.

އެ ފްލޯ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތުގެ ޓައިމްލައިން ރާވާފައި ވަނީ ކަސްޓަމަރުންނާއި އިމާރާތް ބޭނުން ކުރާ ފަރާތްތަކަށް އުނދަގު ނުވާނެ ގޮތަށެވެ.

ޕީޕަލްސް ޗޮއިސްގެ ތިރީބައިގައި ހުންނަ އަސްރަފީގެ ބައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕަލްސް ޗޮއިސްގެ ތިރީބައިގައި ހުންނަ އަސްރަފީގެ ބައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުރަތަމަ ފްލޯގެ ސްލޮޓްތައް ދޫކުރާނީ ވަކި ސްޓޭންޑސޑްތަކަކަށް ބަހާލައިގެންނެވެ. އެކި ވިޔަފާރިތަކަށް ބޭނުންވާ ސްޓޯލްތަކުގެ ސައިޒް ތަފާތުވާނެތީ އެއް ވިޔަފާރިއަކަށް އެއް ސްލޮޓަށް ވުރެ ގިނައިން ކުރިމަތިލެވޭނެ އެވެ.

ފުރަތަމަ ފްލޯގެ ސްލޮޓް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ލިބެން ނުހުންނަ ޕްރޮޑަކްޓްތައް ވިއްކާ ވިޔަފާރިތަކަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އޭގެތެރޭގައި، ހެދުމާއި، ސްޕޯޓްސް ވެއާ ފަދަ ސާމާނު، ފައިވާން ބޫޓުގެ ބާވަތްތަކުގެ އިތުރުން ހޯމް ޑެކޯ/އިމްޕްރޫވްމެންޓް ވިޔަފާރިތައް ހިމެނެއެވެ.

ތިރީބަޔާ ހިލާފަށް މަތީ ފްލޯގައި ބައެއް ރެސްޓޯރެންޓްތަކަށް ވެސް ސްލޮޓް ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

ކުޑަ ޝޮޕިން މޯލެއްގެ ތަޖުރިބާ ކުރެވޭ ކަހަލަ ގޮތަކަށް ޕީޕަލްސް ޗޮއިސްގެ ވިޔަފާރި ފުޅާކުރާތީ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ތަފާތުވައްތަރުގެ ޕްރޮޑަކްޓްތައް އެއްތަނަކުން ލިބޭނެ. އަދި ފުރަތަމަ ފްލޯ އަށް އަރަން އެސްކެލޭޓަރާއި ލިފްޓް ލާނެ. އެއާއެކު ކަސްޓަމަރުންނަށް އުނދަގުލަކާ ނުލައި ދެ ފްލޯއިން ވިޔާފާރި ކުރުމުގެ ފުރުސަތު ލިބޭނެ،" އިހްސާން ވިދާޅުވި އެވެ.

ޕޮއިސްގެ ފަރާތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހިންގާ ސްޓޯލެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕޮއިސްގެ ފަރާތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހިންގާ ސްޓޯލެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާ ފްލޯ ހުޅުވުމާއެކު ކަސްޓަމަރުން ގިނަ ވަގުތު ވިޔަފާރިކުރުމުގައި ހޭދަކުރާނެތީ ރެސްޓް ރޫމް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެތަނުގެ ރެސްޓޯރެންޓްތަކުން ކެއުމުގެ ފުރުސަތު ވެސް އެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އިހްސާން ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފޭސް، ތިރީ ފްލޯ އަށް އުންމީދުކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ކަސްޓަމަރުންގެ ފަރާތުން ލިބުނު ކަމަށާއި، އެތަނަށް ދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި ތަފާތު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ވިއްކާ އެކި ކަހަލަ ވިޔަފާރިތަކަށް އޭގެ ސަބަބުން ފައިދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެވަނަ ފޭސް އަކަށް ޕީޕަލްސް ޗޮއިސް ފުޅާކުރަން ނިންމީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ހިންގި އެސްޓީއޯ ސުޕަމާޓް ރިބްރޭންޑް ކުރުމަށްފަހު އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ވެސް މުދާ ވިއްކުމުގެ ފުރުސަތު ހުޅުވާލައިގެން "އެސްޓިއޯ ޕީޕަލްސް ޗޮއިސް" ރަސްމީކޮށް ހުޅުވީ މިދިޔަ މާޗު މަހު އެވެ.

ހައިޕާމާކެޓް ކޮންސެޕްޓަށް ހުޅުވާފައިވާ އެތަނުން، އެއްފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް މިހާރު ވެސް ލިބެ އެވެ. ސިޓީ ބޭކަރީ، ޕީކަބޫ، ނޯޓް ކޮސްމެޓިކްސް، މެކްސްކޮމް ޓެކްނޮލޮޖީސް، ޕޮއިސް، އަދި މިފްކޯ ފަދަ އަމިއްލަ ވިޔަފާރިތަކުން ވިއްކާ ތަކެތި ޕީޕަލްސް ޗޮއިސް އިން ލިބެން ހުރެ އެވެ.