Roadha Mihaaru
އެމެރިކާ އިން ރާއްޖެއަށް ހާއްސަ ސަފީރެއް އައްޔަންކުރަނީ

އެމެރިކާ އިން ރާއްޖެއަށް ހާއްސަ ސަފީރެއް އައްޔަން ކުރަނީ

28 ޖުލައި 2022

އެމެރިކާ އިން ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރަކު ހަމަޖައްސަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމެރިކާ އިން ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރަކު ހަމަޖައްސަން ނިންމައިފި އެވެ.

އެމެރިކާ އިން ރާއްޖެއާ ގުޅޭ ކަންކަން ބަލަހައްޓަން މިހާތަނަށް ހަމަޖައްސަމުން އައީ ސްރީ ލަންކާގައި ހުންނަވާ އެ ގައުމުގެ ސަފީރު މެދުވެރިކުރައްވަ އެވެ.

ރާއްޖެ އަށް ހާއްސަކޮށް ކަނޑައަޅާ ސަފީރާ އެކު ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ވެސް ގާއިމްކުރާނެ އެވެ.

އެމެރިކާގެ ރައީސް އޮފީހުން މިހާރުން ވަނީ ރާއްޖެ އަށް ކަނޑައަޅާ ސަފީރަކަށް ހޫގޯ ޔޫ ހޯ ޔޮން ހަމަޖައްސަން އޭނާގެ ނަމަށް ރުހުން ހޯދުމަށް ކޮންގްރެސް އަށް ފޮނުވައިފަ އެވެ.

ހޫގޯ އަކީ މިވަގުތު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި ހުންނަ އޮފީސް އޮފް ދަ އަންޑަ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނާޖީ އެންޑް އެންވާރަމަންޓްގެ ސީނިއާ އެޑްވައިޒަރެވެ.

އޭނާ އަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ މިނިސްޓާ ކައުންސެލާ ފޯ އިކޮނޮމިކް އެފެއާޒްގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ޑިރެކްޓަރުގެ އިތުރުން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އިންޑިއާ އާއި ސަބްކޮންޓިނެންޓްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމެރިކާގެ އެމްބަސީއެެއް ނެތަސް މާލޭގައި ހުންނަ "އެމެރިކަން ސެންޓަރު" ގައި އެ ގައުމުން ރާއްޖޭގައި ހާރިޖީ މަސައްކަތްތައްކުރެ އެވެ.

ރާއްޖޭގައި އެމްބަސީއެއް ގާއިމްކުރުމުގެ ޝައުގުވެރިކަން އެމެރިކާ އިން ފާޅުކުރީ ޑޮނަލްޓް ޓްރަމްޕުގެ ވެރިކަމުގެ ފަހުކޮޅު އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އޭގެ ފަހުން އެމެރިކާ ސަރުކާރުން ވަނީ އެމްބަސީއެއް ހަދަން ތަނެއް ހަމަޖައްސަން ދިވެހި ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފަ އެވެ. އެ ގައުމުން ބޭނުންވީ ސަލްޓަން ޕާކް ސަރަހައްދުން ތަނެއް ހޯދާށެވެ. އެކަމަކު ރާއްޖޭން ލަފާ ދިނީ ސަލާމަތީ ސަބަބުތަކަށްޓަކައި ހުޅުމާލޭން ތަނެއް ހޯދާށެވެ. އެމްބަސީތައް ގާއިމްކުރަން ސަރުކާރުން ވަނީ ހުޅުމާލޭން ޑިޕްލޮމެޓިކް އެންކްލޭވެއް ހަމަޖައްސައިފަ އެވެ.

އެމެރިކާ އިން ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރު އެވެ.