Roadha Mihaaru
ރައީސަށް ކުރާ ތުހުމަތު ތަހުގީގު ކުރަން ގޮވާލައިފި

ރައީސަށް ކުރާ ތުހުމަތުގެ ހަގީގަތް ހޯދަން ތަހުގީގެއް ކުރަން އިދިކޮޅުން ގޮވާލައިފި

29 ޖުލައި 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުގެ ހަގީގަތް ހޯދަން ތަހުގީގެއް ފަށަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުގެ ހަގީގަތް ހޯދަން ތަހުގީގެއް ފަށަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެ ތުހުމަތު ރައީސް ދޮގު ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ އަތްޕުޅުގައި އެ ތުހުމަތު ކުރާ ފަދަ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި އެއްވެސް ނުފޫޒެއް ނެތި ވަގުތީ ގޮތުން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޅިޔަނު އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މަގާމުން އެކަހެރި ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.

"...މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން." އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަޝީދު ކުރެއްވި ތުހުމަތާއެކު އެމްޑީޕީ މެމްބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރައީސަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ ނަޝީދަށް ފާޑު ކިޔުން އަމާޒުކޮށް ފޮޓޯއެއް ހުރި ނަމަ އަޕްލޯޑު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނަށް ލިބިވަޑައިގެން ކަމަށް ބުނާ އެއްވެސް ފޮޓޯއެއް އާންމެއް ނުކުރެ އެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.