Roadha Mihaaru
ރައީސް ނެރުއްވި އިންޑިއާ އައުޓް ގަރާރާ މެދު ސުވާލު!

ރައީސް ނެރުއްވި އިންޑިއާ އައުޓް ގަރާރުގެ ސައްހަކަމާ މެދު ސުވާލު!

22 އެޕްރީލް 2022

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސައްހަކަމާ ބެހޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ސުވާލު އުފައްދަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސައްހަކަމާ ބެހޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ސުވާލު އުފައްދަވައިފި އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައެޅުމުން ރައީސް ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.

އެ މައްސަލާގައި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނީ ބާރު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން އެ އޮތަރައިޒް ކުރާނެ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށެވެ.

ރައީސަށް ގަރާރު ނެރެވޭނީ ތިން ހާލަތެއްގައި ކަމަށާއި އެއީ ހަނގުރާމަ އާއި ސުލްހަ އިއުލާން ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށާއި ރިޔާސީ ކޮމިޝަން އުފައްދަވަން ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސްގެ ގަރާރަކީ ގާނޫނަކާ އެއްފަދަވާ އެއްޗަކަށްވާއިރު ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަވެފައި އޮންނަ ކަމަކަށް ވާތީ މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ރައީސަށް ގަރާރު ނުނެރެވޭނެކަން ސާފުވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

"މިސާލަކަށް ރައިސުލްޖުމްހޫރިއްޔާ އަށް ގަރާރު ނެރެވޭ އިސްވެ ބުނި ފުރަތަމަ ހާލަތާއި ދެވަނަ ހާލަތުގައި ވެސް އެ ގަރާރު މަޖިލީސްގައި ޓޭބަލްކޮށް ފާސް ކުރަން ޖެހޭ. ގަރާރު ހުއްދަވާ ތިން ވަނަ ހާލަތަކީ މަޖިލީހުން ފާސް ކުރާ ގާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލީހުގެ ދައުރު އޮންނާނީ ޝާމިލްވެފައި،" ދިޔާނާ ވިދާޅުވި އެވެ.

ރައީސްގެ ގަރާރު ހުއްދަ ކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށާއި އެ ގަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅައި ހުދޫދުގެ ތެރޭގައި ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އެ ގަރާރު މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނި ކުރެވޭނެ އަދި ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް ވިދާޅުވީ ގާނޫނުއަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ކަމަށާއި އެ ހައްގު ހަނި ކުރެވޭނީ 16 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އެކަނި ކަމަށެވެ.

"ގަރާރަކީ އަމުރެއް. ގާނޫނީ ބާރު ނެތި ކުރާ އަމުރަކީ 19 ވަނަ މާއްދާއާ ހިލާފް، ބާތިލް އަމުރެއް. އެ އަމުރަށް ކިޔަމަން ނުވުމުގެ ހައްގު 63 (ވަނަ މާއްދާއިން) ލިބޭ،" އިބްރާ ވިދާާޅުވި އެވެ.

އެކަން އެހެން އޮތަސް އެއްވެސް ބަޔަކާ މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ދައްކާ ވާހަކަތައް ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ހިޔާމަތް ލިބިދާނެތޯ ވެސް އިބްރާ ސުވާލު އުފެއްދެވި އެވެ.

އިދިކޮޅު ފަރާތްތަކުން ވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ބުނެފައި ވަނީ ރައީސް ނެރުއްވި ގަރާރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށެވެ. އެ ގަރާރު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަންކަމުގެ ވާހަކަ އެކަނި ދައްކާއިރު އެއާ އެކު ލާމެހިފައިވާ ގާނޫނު އަސާސީގެ 67 ވަނަ މާއްދާ ވެސް ބަލާލަން ޖެހޭ ކަމަށެވެ.

ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަމާއި އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭ ދެ އަސާސެއް ކަމަށެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެކަކު އަނެކަކުގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ ހައްގުތަކަށް އިހުތިރާމް ކުރަން ޖޭހޭ ކަމަށާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ އެއްބައިވަންތަކާއި އަމާންކަމާއި ރައްކާތެރިކަމާއި ގައުމުގެ ޝަރަފު ހިފަހައްޓަން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ މާއްދާގައި ބުނެ އެވެ.

އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސް ގަރާރެއް ނެރުއްވުމުން ފުލުހުން އަންނަނީ އިތުރު ފަރާތްތަކުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަމުންނެވެ.