Roadha Mihaaru
ޗައިނާގެ ކަރާމާތް ގެއްލޭތަން ސަރުކާރަކަށް ނުފެނޭ:އަދުރޭ

ޗައިނާގެ ކަރާމާތް ގެއްލޭ ވާހަކަ ނަޝީދު ދެއްކެވިޔަސް ސަރުކާރުން އަޅައެއް ނުލާ: އިދިކޮޅު

03 މެއި 2022

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް "ހިތުހުރިހާ އެއްޗެއް ގޮވާއިރު" އެ ގައުމުގެ ކަރާމަތާއި އިއްޒަތަށް ގެއްލުން ވަމުން ދިޔަޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމާ އަޅާނުލައްވާތީ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް "ހިތުހުރިހާ އެއްޗެއް ގޮވާއިރު" އެ ގައުމުގެ ކަރާމަތާއި އިއްޒަތަށް ގެއްލުން ވަމުން ދިޔަޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމާ އަޅާނުލައްވާތީ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މީހަކު މަރުގެ އިންޒާރުދިނުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ހަމަހަމަ އުސޫލުތަކެއް ގެންގުޅޭ ކަމަށް ބުނާ މި ސަރުކާރުގެ ބަހާއި އަމަލުތައް އެއްވެސް ވަރަކަށް ދިމާނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ނަޝީދު ހަމަ ދެއިރު ދެދަޅަ އަށް ޗައިނާ އަށް ހަމަ ހިތު ހުރިހާ އެއްޗެއް ގޮވަމުންދާ ތަން. ކީއްވެގެން ހެއްޔޭ އެ ގައުމުގެ އިއްޒަތާއި އަނބުރާ ކަރާމަތަށް އުނިކަން އަންނާނެ ކަމަށް ރައީސަށް ގަބޫލު ނުކުރެއްވެނީ،" އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ލީޑަރު ވިދާޅުވި އެވެ.

"އިންޑިއާ އަށް ރައްދުވާ ގޮތަށް އެއްޗެއް ބުނީމާ އިންޑިއާގެ އިއްޒަތާއި އަބުރާއި ކަރާމަތް ގެއްލޭ ކަމަށް ވަންޏާ، އެ ނޫން ގައުމުތަކާ ދޭތެރޭގައި އެ ގޮތަށް އަމަލުކުރީމާ ވެސް ހަމަ އެ އިއްޒަތާއި ގަދަރާއި ކަރާމަތް ގެއްލޭނެ."

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޗައިނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ވެސް ހުއްޓުވަން ހަމަ އެ ބީދައިން ރައީސް ގަރާރެއް ނެރުއްވަން ޖެހޭނެ އެވެ.

"އިންޑިއާ އައުޓް" ނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ފުލުހުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އިންޑިއާ އައުޓް" ނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ފުލުހުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަޝީދު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިއަމް ސަރަން މޮޑަރޭޓް ކުރެއްވި ލެކްޗާއެއްގައި ތުހުމަތު ކުރެއްވީ ޗައިނާ އިން ބޭނުންވަނީ ރާއްޖެ އިން ޑިމޮކްރަސީ ފޮހެލައި ދަރަނިވެރި ކޮށްލަން ކަމަށެވެ. އަދި ރާއްޖޭގައި އަބަދުވެސް އޮންނާނީ "އިންޑިއާ ފަސްޓް" ސިޔާސަތެއް ކަމަށާއި ޗައިނާ އިން ގެންގުޅޭ "ބިން ފޭރުމާއި ދަރަނި މަޅީގައި" ރާއްޖެ އިން ނުޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާ އިން ބޭނުންވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އުފައްދައި، ޑިމޮކްރަސީ އުވާލަން. ދެން އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރަން. ރާއްޖޭގެ މިހާރުގެ ދަރަނީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް އޮތީ ޗައިނާގައި. މި ކަމުގެ ސަބަބުން ރާއްޖޭގެ މައްޗަށް ޗައިނާ އަށް ކުރިން ލިބިފައި ނުވާ ފަދަ އިގްތިސާދީ އަދި ސިޔާސީ ބާރުވެރިކަން ލިބިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ އަބަދުވެސް ޗައިނާގެ ސިޔާސަތުތަކާ ދެކޮޅު އަދި އެ ގައުމާއެކު ރާއްޖެ އިން ގުޅުން އެހާވަރަށް ރަނގަޅު ކުރުމާ ހިޔާލު ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ.

ނަޝީދު އިންޑިއާގައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން ވިދާޅުވެފައި ވަނީ ޗައިނާ އިން ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ މައްސަލަތަކާ ނުބެހުން ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމާ ވެސް އެ ގައުމުން ނުބެހޭނެ ކަމަށެވެ.

ޔާމީނަށް އިންޒާރު ދިން މައްސަލަ ނުބަލާ!

ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންނާއި ސިފައިންނާއި އަދި އެޗްއާރުސީއެމަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ވެސް ހުށަހަޅަން އިދިކޮޅުން ވަނީ ނިންމައިފަ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވީ، ފުލުހުންނަށް އިއްޔެ އެ މައްސަލަ ހުށަހެޅިޔަސް، މިހާތަނަށް އެ މައްސަލަ ބަލަން ފެށިކަމެއް ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ. ޔާމީނަށް އިންޒާރު ދިނުމާ ގުޅިގެން ފުލުހުންނަށް ކުރިން ހުށަހެޅި މައްސަލަތައް ބެލުމުގައި ވެސް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ޔަމީނަށް ދުއްޕާން ކުރުމުގެ މަސައްކަތް [މި ސަރުކާރުން] އޮތީ އިތުރު ގިޔަރަކަށް ލައިފައި. -- އަބްދުއްރަހީމް

"ޔާމީނަށް ދިން އިންޒާރަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިސްވެ ހިންގަވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އަޅުގަނޑުމެނަށް އެބަ އޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ދުއްޕާން ކުރުމުގެ މަސައްކަތަށް [މި ސަރުކާރުން] އޮތީ އިތުރު ގިޔަރަކަށް ލައިފައި."

ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ހަރަކާތްތެރިވި ދުވަހެއްގައި އަބްދުއްރަހީމް ފުލުހުންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ހަރަކާތްތެރިވި ދުވަހެއްގައި އަބްދުއްރަހީމް ފުލުހުންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅުން ވަރަށް ފޯރީގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވާ ވާހަކަ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ ގައުމީ ހަރަކާތެއް ކަމަށާއި ގައުމީ ކަންކަމުގައި ޔާމީން އަބަދު ވެސް ހުންނަވަނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވުމުން، އެ ހަރަކާތުގައި އިދިކޮޅުން ބައިވެރިވަނީ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައި އޮތް "އިންޑިއާ އައުޓް" ބެނާ ނަގައިގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައި އޮތް "އިންޑިއާ އައުޓް" ބެނާ ނަގައިގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިދިކޮޅުން ބޭނުންވަނީ މި ސަރުކާރު ޖަވާބާދާރީކުރުވަން ކަމަށާއި ރާއްޖެ މިނިވަންކަން މަތީގައި ބޭއްވުމަށް ނުވަތަ އަޅުވެތި ކަމަކަށް ދިޔަ ނުދޭން ކުރާ ކޮންމެ މަސައްކަތެއްގައި އެ ދެ ޕާޓީ އާއި ޔާމީންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވި އެވެ. ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުން ހުއްޓާލަން ގޮވާލައްވައި، 2012 ގައި އެމްޑީޕީގެ ސަރުކާރު ވެއްޓެން ދިމާވި ސަބަބަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ޗާޓުން ބޭރުން މަސައްކަތް ކުރުމުން ވާނެ ގޮތުގެ އެންމެ ރަނގަޅު ތަޖުރިބާއެއް ވެސް އޮންނާނީ އެމްޑީޕީގެ ކަމަށެވެ.

"ރައީސް ނަޝީދަށް ވުރެ މާ ބޮޑަށް މިއަދު ޗާޓުން ބޭރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި. އެއީ ކަނޑައެޅިގެން ދިވެހި ޖުމްހޫރިއްޔާއާ ހިލާފު ގަރާރެއް ނެރުއްވައިގެން އެ އުޅުއްވަނީ. އެއްވެސް ހާލެއްގައި އެއީ ގާނޫނީ ބުރަދެން އޮތް ގަރާރެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން ރައީސް ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ. އަދި އެ ގަރާރުގެ ދަށުން، ކޯޓު އަމުރާ އެކު ފުލުހުން ވަނީ މާލޭގެ އެކި ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައި، ދަމާފައި ހުރި ބެނާތައް ނަގައިފަ އެވެ. ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބޮޑު ބެނާއެއް ވެސް ފުލުހުން ނެގި އެވެ.