Roadha Mihaaru
ލަނޑެއް ނުޖެހުނަސް ހާލަންޑާ މެދު ޝަކުވާއެއް ނެތް

ލަނޑެއް ނުޖެހުނަސް ހާލަންޑާ މެދު ގާޑިއޯލާގެ ޝަކުވާއެއް ނެތް

31 ޖުލައި 2022

ލެސްޓާ (ޖުލައި 31) - އިނގިރޭސި ފުޓްބޯޅައިގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިވަޕޫލާ ދެކޮޅަށް ފުރުސަތުގެ ބޭނުން ނުކުރެވުނަސް ކުރިއަށް ހުރި މެޗުތަކުގައި އޭނާ އަސްލު ފެންވަރު ދައްކާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (ޖުލައި 31) - އިނގިރޭސި ފުޓްބޯޅައިގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިވަޕޫލާ ދެކޮޅަށް ފުރުސަތުގެ ބޭނުން ނުކުރެވުނަސް ކުރިއަށް ހުރި މެޗުތަކުގައި އޭނާ އަސްލު ފެންވަރު ދައްކާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުން ރޭ ސިޓީ އަތުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. ގާޑިއޯލާ ބުނީ ހާލަންޑް ކުޅެން އޮތް ލީގުގެ ހަގީގީ ފެންވަރު ރޭގެ މެޗުން އޭނާ އަށް އެނގޭނެ ކަމަށެވެ.

"އޭނާ އަށް ފުރުސަތު ލިބުނު. ފުރަތަމަ ހާފުގައި ވެސް ދެ ތިން ފުރުސަތު އަދި މެޗުގެ ފަހު ވަގުތު ވެސް ފުރުސަތު ލިބުނު. އަބަދުވެސް އޭނާ އަށް ފުރުސަތު ލިބެމުން ދިޔަ. އޭނާއަކީ ވަރުގަދަ ކުޅުންތެރިއެއް. އެހެން ފަހަރަކުން އޭނާ ގޯލު ވެސް ޖަހާނެ،" ގާޑިއޯލާ ބުންނެވެ.

ގާޑިއޯލާ ބުނީ ޓީމާ އެކު ފަރިތަކުރަން ހާލަންޑަށް ލިބުނީ އެންމެ ދެ ހަފުތާއެއްހާ ދުވަސް ކަމަށާއި ޓީމަށާއި ލީގަށް ހޭނުމުން ހާލަންޑް ތަފާތު ދައްކާނެ ކަމާ މެދު ސުވާލެއް ނެތް ކަމަށެވެ.

"އަހަރެން އެއްގޮތަކަށް ވެސް ހާހެއް ނުވޭ. އަހަރެމެން މޮޅުވެފައި އޭނާ އަށް ގޯލެއް ޖެހުނު ނަމަ އުފާވީސް. އެކަމަކު ހަގީގަތަކީ އަދި އެބަ އޮތް އަހަރެމެންނަށް 11 މަސް ކުރިއަށް. ވޯލްޑް ކަޕް ވެސް އޮތުމާ އެކު ވަރަށް އަވަހަށް އަހަރެމެން ކުޅެން ޖެހިދާނެ ކޮންމެ ތިން ދުވަހަކުން މެޗެއް. ކާމިޔާބު ހޯދަން އޭނާ އަހަރެމެންނަށް އެހީ ވާނެ،" ގާޑިއޯލާ ބުންޏެވެ.

ހާލަންޑް ރޭގެ މެޗުގައި ފުލްކޮށް ކުޅުނު ނަމަވެސް ސިޓީ އަށް އަލަށް ގެނައި ލީޑްސް ޔުނައިޓެޑުގެ މިޑްފީލްޑަރު ކެލްވިން ޕިލިޕްސް އިނީ ބެންޗުގަ އެވެ.

ލީގު ދިފާއުކުރަން ނުކުންނަ ސިޓީ، ލީގުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.