Roadha Mihaaru
ހާލަންޑް 40 ލަނޑު ހަމަކޮށްފި، ސިޓީ ސެމީ އަށް

ހާލަންޑް 40 ލަނޑު ހަމަކޮށްފި، ސިޓީ އެފްއޭ ކަޕް ސެމީ ފައިނަލަށް

19 މާޗް 2023

މެންޗެސްޓާ (މާޗު 19) - އެފްއޭ ކަޕް ކުއާޓާ ފައިނަލް އާލިން ހާލަންޑް، ބާންލީ ކޮޅަށް ހެދި ހެޓްރިކާ އެކު 6-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗު 19) - އެފްއޭ ކަޕް ކުއާޓާ ފައިނަލް އާލިން ހާލަންޑް، ބާންލީ ކޮޅަށް ހެދި ހެޓްރިކާ އެކު 6-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހާލަންޑްގެ ހެޓްރިކްގެ އިތުރުން ހޫލިއަން އަލްވަރޭޒް ސިޓީ އަށް ދެ ގޯލު ޖަހައިދިން އިރު، އަނެއް ލަނޑު ޖަހައިދިނީ ކޯލް ޕާމާ އެވެ.

ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ މަގުމަތީގައި އުޅޭ ބާންލީ އާ ދެކޮޅަށް، ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ހާލަންޑް ސިޓީ އަށް ލީޑު ނަގައިދޭން މެޗުގެ 32 ވަނަ މިނިޓުގައި ޖެހި ގޯލަކީ އޭނާ މި ސީޒަން ގައި އެޓީމަށް ކާމިޔާބު ކޮށްދިން 40 ވަނަ ގޯލެވެ.

މި މެޗުގައި ހާލަންޑް ކާމިޔާބު ކުރި ހެޓްރިކާ އެކު އޭނާ މި ސީޒަން ގައި ސިޓީ އަށް މިހާތަނަށް ކުޅެދިން 37 މެޗުގައި މިވަނީ 42 ގޯލު ޖަހައިފަ އެވެ. އަދި މިއީ މި ސީޒަން ގައި ސިޓީ އަށް ބަދަލުވި ހާލަންޑް އެ ޓީމުގައި ކާމިޔާބު ކުރި ހަ ވަނަ ހެޓްރިކެވެ. މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހަދާފައި ވާއިރު، އޭގެ ކުރިން ޕްރިމިއާ ލީގުގައި ވަނީ ހަތަރު ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މިއާ އެކު ހާލަންޑް ވެފައި ވަނީ ޕްރިމިއާ ލީގު ފެށި ފަހުން ސީޒަނެއްގައި 40 ގޯލު ހަމަކުރި ހަ ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޫޑް ވެން ނިސްޓެރޫއީ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހު 44 ގޯލު ކާމިޔާބު ކޮށްފައި ވާއިރު، ޔުނައިޓެޑާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 42 ގޯލު ޖަހައިފަ އެވެ. ޓޮޓެންހަމްގެ ހެރީ ކޭން އަދި ނިއުކާސަލް ޔުނައިޓެޑާ އެކު އެންޑީ ކޯލް ވަނީ 41 ގޯލު ޖަހައިފަ އެވެ.

ބާންލީގެ ކޯޗު ކޮމްޕެނީ ބުނީ ހާލަންޑަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށާއި، ސިޓީ އަކީ އޭނާގެ ކުރިއެރުމަށް އެންމެ ރަނގަޅު ކުލަބް ކަމަށެވެ. އަދި ހާލަންޑްގެ ވިސްނުން ވެސް ރަނގަޅު ވެފައި، ސިޓީ ކޯޗަކީ އޭނާގެ ކުރިމަގަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ.

މިއީ މެންޗެސްޓާ ސިޓީ، ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެފްއޭ ކަޕް ސެމީ ފައިނަލް ގައި ކުޅޭ ހަ ވަނަ ފަހަރެވެ. އެކަމަކު މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ފަހަރަކު އެވެ.

ކުއާޓާ ފައިނަލް ގެ ބާކީ ތިން މެޗު މިއަދު ކުޅޭނެ އެވެ. ހަވީރު 5 ޖަހާއިރު ޝެފީލްޑް ޔުނައިޓެޑާއި ބްލެކްބާން ރޯވާސް ބައްދަލުކުރާއިރު، 7:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނި ބްރައިޓަން އާއި ގްރިމްސްބީ ޓައުން އެވެ. އަދި ފަހު މެޗުގައި މިރޭ 9:30 ގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލު ކުރާނެ އެވެ.