Roadha Mihaaru
ޔޯގާ ހަމަނުޖެހުން: ޓެރަރިޒަމްގެ ތުހުމަތާ އެކު ބަންދަށް

ޔޯގާ ހެދި މީހުންގެ ފަހަތުން ދުވެ އިންޒާރު ދިނުމުން ޓެރަރިޒަމްގެ ތުހުމަތާ އެކު ބަންދަށް 15 ދުވަސް

31 ޖުލައި 2022

މިދިޔަ މަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް އެތަނަށް ވަދެގަނެ ދަނޑުގައި ތިބި މީހުންނަށް އިންޒާރު ދިން މައްސަލާގައި ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މީހަކު އަލުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ދީފި އެވެ.

މިދިޔަ މަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް އެތަނަށް ވަދެގަނެ ދަނޑުގައި ތިބި މީހުންނަށް އިންޒާރު ދިން މައްސަލާގައި ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މީހަކު އަލުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ދީފި އެވެ.

ކްރިމިނަލް ކޯޓުން މުހައްމަދު ފައިސަލް/ގ.އުފުރިޔާ ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައިވާ ގޮތުން މީނާގެ މައްޗަށް ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު ކުރެ އެވެ.

މުހައްމަދު ފައިސަލް، 36، އަކީ މީގެ ކުރިން ވެސް ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އެކަމަކު އެފަހަރު އޭނާ ދޫކޮށްލާފައިވަނީ ހައްޔަރުކުރުމަށް ހޯދި ކޯޓު އަމުރުގައި ބައެއް ކަންކަން އުނިވެފައި ހުރުމުން ހައްޔަރުކުރުމުގެ އިޖުރާއާތު ގޯސްކޮށް އޮތުމުން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން މުހައްމަދު ފައިސަލް އަކީ ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން އެނގެ އެވެ. އޭނާ ފުލުހުންގެ ބެރިކޭޑް ފަޅާލައި ދަނޑަށް ވަތް ކަމާއި ޔޯގާ އިވެންޓުގެ ބައިވެރިންގެ ފަހަތުން ދުވެ އިންޒާރު ދިންކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް އަމުރުގައިވެ އެވެ.

މީގެ އިތުރުން އޭނާ އަކީ ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުން މޯޓިވޭޓްކޮށް ދަނޑަށް ވަދެގަތުމަށް ހިތްވަރު ދިން މީހެއް ކަމަށް ފުލުހުންގެ ބަޔާންތަކުން އެނގޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ފައިސަލް ވަނީ އެއް ތުހުމަތެއްގައި ދެ ފަހަރު ހައްޔަރުކުރި ކަމަށް ބުނެ އެކަމުގެ ޝަކުވާ ކޮށްފަ އެވެ. އެއީ އޭނާ ކުރިން ވެސް މި މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައި ވާތީ އެވެ. އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އެފަހަރު ދޫކޮށްލީ ހައްޔަރު ކުރުމުގެ ކޯޓު އަމުރުގައި މައްސަލަތަކެއް ހުރުމުން އިޖުރާއަތު ގޯސްވެގެން ކަމަށެވެ. އަދި މިފަހަރު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޔޯގާ ހަރަކާތް ހިނގަމުން ދަނިކޮށް އެތަނަށް ވަދެގަތް މައްސަލާގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. ދަނޑަށް ވަދެގަނެ އިންޒާރުދީ އަދި ބައެއް މީހުން ހަމަލާ ވެސް ދިން މައްސަލަ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނާތީ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމް، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުން އަދި އެކަމުގައި އެހީތެރިވުން ފަދަ ކުށުގެ ތުހުމަތުތައް ކުރެ އެވެ.