Roadha Mihaaru
ބައިޑެން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބައިޑެން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

31 ޖުލައި 2022

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ބުނެފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ބުނެފި އެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ކެވިން އޯކޮނާ ނެރުއްވި ކުރު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވިޔަސް، ބައިޑެންގެ ހަށިގަނޑުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ނަމަވެސް، އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ބައިޑެން އިއްޔެ އިން ފެށިގެން ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން އާންމު ކުރައްވަމުން ރައީސް ބައިޑެން ވިދާޅުވީ އޭނާ އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ މަސައްކަތްތައް ކުރައްވާނީ ގެކޮޅުގައި ހުންނަވައިގެން ކަމަށާއި، ސިއްހީ ގޮތުން ހުންނެވީ ހެޔޮ ހާލުގައި ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މީގެ ނުވަ ދުވަސް ކުރިން ވެސް، ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ހަފުތާއްހާ ދުވަސް ވަންދެން އެކަހެރިވެވަޑައިގެން ހުންނެވި އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ތެރޭގައި ދެ ފަހަރަށް ޓެސްޓުކުރުމުން ވެސް ނަތީޖާ ދެއްކީ ނެގެޓިވްކޮށެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ވިދާޅުވީ ކޮވިޑް ވައިރަސް ހަށިގަނޑަށް އެރުމަށް ފަހު، ބަލިން ފަސޭހަވުމަށް ފަހު ވެސް، ބައެއް ފަހަރަށް ޕޮޒިޓިވް ނަތީޖާ ފެނުމަކީ ބައެއް މީހުންނަށް މެދުވެރިވާ ގޮތެއް ކަމަށެވެ. ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތުމުން، ބައްޔަށް ފަރުވާ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ބައިޑެން ހުންނެވީ، ކޮވިޑް ބަލިން ފަސޭހަވުމަށްޓަކައި ބޭނުންކުރާ ޕެކްސްލޮވިޑް މީގެ ކުރިން ބޭނުން ކުރައްވައިގެންނެވެ. މި ބޭސް ބޭނުންކުރާ މީހުންގެ ހަށިގަނޑުން ކޮވިޑް ވައިރަސް ފެނުމަކީ ބައެއް ހާލަތްތަކުގައި މެދުވެރިވާ ކަމަކަށް ވާތީ، އެފަދަ ކަމެއް މެދުވެރިވޭތޯ ބެލުމަށްޓަކައި، ރައީސް ބައިޑެން ދޭތެރެ ދޭތެރެއިން ކޮވިޑަށް ޓެސްޓުކުރާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.