Roadha Mihaaru
ތަމްރީން ފުރުސަތުގައި ޒަޔާން އާއި ސާލިމް މެލޭޝިއާ އަށް

ބެޑްމިންޓަން އޭޝިއާގެ ތަމްރީން ފުރުސަތުގައި ކުޑަ ޒަޔާން އާއި ސާލިމް މެލޭޝިއާ އަށް

31 ޖުލައި 2022

އޭޝިއާގެ ބެޑްމިންޓަންގެ މައި ޖަމިއްޔާ (ބެޑްމިންޓަން އޭޝިއާ) އިން ތަނަވަސް ކޮށްދިން ޓްރޭނިން ފުރުސަތުގައި އަރަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ، ހަސަން ޒަޔާން މުހައްމަދު (ކުޑަ ޒަޔާން) އާއި މުހައްމަދު ސާލިމް އަބްދުއް ސޮމަދު މެލޭޝިއާ އަށް ހިނގައްޖެ އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް މެލޭޝިއާގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕް ފަށާނީ މާދަމާ އެވެ. އޯގަސްޓް 30 އާ ހަމައަށް ކޭމްޕް ކުރިއަށް ދާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން ބުނި ގޮތުގައި ބެޑްމިންޓަން އޭޝިއާގެ ފުރުސަތު ދިނީ ޒުވާން ދެ ކުޅުންތެރިންނަށް ހާއްސަކޮށެވެ. ކުޑަ ޒަޔާން އާއި ސާލިމް އަށް އެ ފުރުސަތު ދިނީ، ބީއޭއެމްގެ ވައިޑީޕީ ޕޫލުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ކުރިއެރުން ހޯދަމުން އަންނަ ދެ ކުޅުންތެރިންނަށް ވާތީ ކަމަށް ބީއޭއެމުން ބުނެ އެވެ.

ޓްރޭނިން ފުރުސަތުގެ އެއްބަސްވުމުގައި ޒަޔާން އާއި ސާލިމް ސޮއި ކުރަނީ

ޓްރޭނިން ފުރުސަތުގެ އެއްބަސްވުމުގައި ޒަޔާން އާއި ސާލިމް ސޮއި ކުރަނީ

ޒަޔާން، 18، އާއި ސާލިމް، 17، އަކީ އުމުރު ފުރާގެ މުބާރާތްތަކާއި ދެވަނަ ޑިވިޝަންގައި ވެސް އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. އެންމެ ފަހުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދީ ކުޑަ ޒަޔާން އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ވެސް ޖޫނިއާ ކުޅުންތެރިންނަށް ބޭރުގެ ޓްރޭނިން ސްކޮލާޝިޕްތައް ފޯރުކޮށް ދީފަ އެވެ. ސީނިއާ ގައުމީ ޓީމުގެ މިހާރުގެ ކުޅުންތެރިން ޖޫނިއާ ލެވަލްގައި ޓްރޭނިން ހެދުމުގެ ފުރުސަތު ފޯރުކޮށް ދީފައި ވެއެވެ.

ބެޑްމިންޓަންގައި މެލޭޝިއާ އަކީ އޭޝިއާގެ ބާރެކެވެ. މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ޓޮޕް ފޭވަރިންޓުގެ ތެރޭގައި ވެސް މެލޭޝިއާ ހިމެނެ އެވެ. އެންމެ ފަހުގެ ކޮމަންވެލްތު ގޭމްސްގެ ޓީމު އިވެންޓް ފައިނަލުގައި ވެސް މެލޭޝިއާ ވާދަކުރި އެވެ. އެ ޓީމު ބަލިވީ އިންޑިއާ އަތުންނެވެ.