Roadha Mihaaru
2023 ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ: ނާޒިމް

އެމްއެންޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީން: ނާޒިމް

26 ޖުލައި 2021

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްއެންޕީގެ ފުރަތަމަ ނިއުސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، އެ ޕާޓީ ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު މަގްސަދަކީ ވެސް ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކާމިޔާބު ކުރުން ކަމަށެވެ. އެގޮތުން 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ އެއްވެސް ޝައްކެއް ނެތް. ﷲގެ އިރާދަފުޅާއެކީ އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުން 2023 ގައި އަޅުގަނޑުމެންގެ ޕާޓީން ނުކުންނަ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ،" ސިފައިންގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިިޔާސީ ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނާޒިމްގެ ހުރިތޯ ސުވާލު ކުރުމުން ވިދާޅުވީ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެ ކަމަށެވެ.

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ވަކި ލީޑަރެއްގެ ފަހަތުން "ދުވުމުގެ" ސަގާފަތަށް އެމްއެންޕީން މުޅިން ދެކޮޅު ހަދާ ކަމަށެވެ. އަދި އެ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުން ދެ އަހަރު ދުވަހަށް ވުރެ އިތުރަށް މަގާމުގައި ނުހުންނެވޭ ގޮތަށް އަސާސީ ގަވައިދު ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޕީން އިސްކަން ދޭނެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ވަކި ފަރާތަކަށް ބުރަ ނުވާ ހާރިޖީ ސިޔާސަތެއް ގެންގުޅުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމާއި ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރު ކުރުން ހިމެނެ އެވެ. އަދި ވަޒީފާގެ ފުރުސަތު ހޯދައިދީ، މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދިނުމަށް އެ ޕާޓީން ވައުދުވެ އެވެ.

އެމްއެންޕީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ނާޒިމް އިއުލާން ކުރެއްވިޔަސް އެ ޕާޓީން އަދި ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީއެއް ގޮތުގައި ރަޖިސްޓަރީ ކުރުމުގެ މަސައްކަތެވެ. ނާޒިމް ވިދާޅުވި ގޮތުގައި މާލޭގައި ވަރަށް އަވަހަށް ޖަގަހައެއް ހަދައި، ރަޖިސްޓްރޭޝަންގެ މަސައްކަތް ފަށާނެ އެވެ. އަދި ގިނަ ބަޔަކު އެ ޕާޓީއާ ގުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.