Roadha Mihaaru
ކުރިއަށް ގެންދާނީ ޔާމީންގެ ތަރައްގީގެ ލެގަސީ: މުއިއްޒު

ކުރިއަށް ގެންދާނީ ޔާމީންގެ ތަރައްގީގެ ލެގަސީ: ޑރ. މުއިއްޒު

09 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ގެންދަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ލެގަސީ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ހުރިހާ މެންބަރުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު އެންޑޯޒް ކުރެއްވުމަށް ފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މި ގައުމަށް ތަރައްގީ އަކީ ކޯނޗެއް ކަން ދަސްކޮށްދެއްވީ ޔާމީން ކަމަށެވެ.

އެހެންވެ އޭނާގެ އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ ޔާމީންގެ ތަރައްގީގެ ލެގަސީ ކުރިއަށް ގެންދެވުން ކަމަށާއި އެއީ އެއްވެސް މީހަކު ޝައްކު ކުރާނެ މަސައްކަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ތަރައްގީގެ ވައުދުތައް ވެފައި ވަނީ އެކަން ކުރާނެ ގޮތް އެނގިގެން ކަމަށާއި އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކުރިޔަށް ގެންދަވާ މަޝްރޫއުތައް ހިންގަވާނީ އެކަން ރަނގަޅަށް ހާސިލް ކުރެވޭ ގޮތަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ޔާމީންގެ އިރުޝާދާއި ލަފަޔާއި ފުރިހަމަ ދައުރާ އެކީ އިރާދަކުރެއްވިއްޔާ ފަސް އަހަރު ތަރައްގީ ގެނެސްދޭނީ. އިގްތިސާދު ކޮޅަށް ޖަހާނަން،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުއިއްޒު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުއިއްޒު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައި ވަނީ ޗައިނާ ސަރުކާރުގެ އެހީގަ އެވެ. މުއިއްޒުގެ ވެރިކަމެއްގައި އޮންނާނެ ހާރިޖީ ސިޔާސަތަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އޮންނާނީ ހުރިހާ ގައުމަކާ ގާތް ގުޅުމެއް ބާއްވާ ސިޔާސަތެއް ކަމަށާއި ޔާމީން ވެސް ގެންގުޅުއްވީ އެފަދަ ސިޔާސަތެއް ކަމަށެވެ.

ވަކި ގައުމެއް ބާކީ ކުރުމާއި ވަކި ގައުމަކަށް އާދަޔާ ހިލާފު އިސްކަމެއް ދިނުން ފަދަ ކަންކަން ނުކުރައްވާނެ ކަމަށާއި އެއީވެސް ޔާމީންގެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވެވަޑައިގެންފައިވާ ފުރަތަމަ ވައުދަކީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރުމެވެ. މުއިއްޒު މިރޭ ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި މަސައްކަތް ކުރައްވާނީ ގައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.

"ހަމަޖެހުން ދެން އަންނާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް އައިސްގެން،" މުއިއްޒު ވިދާޅުވި އެވެ.