Roadha Mihaaru
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް

މުއިއްޒަށް އިންތިހާބު ކާމިޔާބުވާން އެންމެ ބޮޑަށް ބޭނުންވަނީ ޔާމީން: ޝިޔާމް

10 އޯގަސްޓް 2023

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑަށް ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑަށް ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ މާލޭގެ މައި ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވަން ޕީޕީއެމްގެ އިސްވެރިންނަށް ވުރެ ބޮޑަށް ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އަދި މިއަދު ހައި ކޯޓުން ޔާމީނާ ބައްދަލުވެވަޑައިގަތުމުން އެކަން ކަށަވަރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވުރެ އެ މަނިކުފާނު [ޔާމީން] ޑރ. މުއިއްޒާއި ސެމްބެ [މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް] މި އިންތިހާބު ކާމިޔާބުކުރަން ބޭނުންފުޅުވާ ކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ޝިޔާމް ވިދާޅުވި ގޮތުގައި ޔާމީނަށް މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭނެ ހާލަތު ކުރިމަތިވުމުން މުއިއްޒަށް ޓިކެޓްގެ ފުރުސަތު ޔާމީން ދެއްވީ ރައްޔިތުންގެ ހައްގުގަ އެވެ. މުއިއްޒަކީ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އަދި އެ މަނިކުފާނާ އެއް އަމާޒަކަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އެތައް ދިވެހި ރައްޔިތަކު ވޯޓުލާނެ ފަރާތެއް ނެތި މަގުމަތިވެދާނެ ކަމުގެ ބިރުވެރިކަން އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތީތީވެ އެ މަނިކުފާނު މިއަދު މި ވަނީ އަޅުގަނޑުމެންނަށް ގޮތެއް ދައްކަވާފައި. އެ މަނިކުފާނު ދެއްކެވީ އެ މަނިކުފާނުގެ އަރިހުން ޔަގީނުން ވެސް ތަރުބިއްޔަތުވެވަޑައިގެން ހުންނެވި އަދި އެ މަނިކުފާނުގެ ރަން ޒައާމަތުގައި ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރު ޑރ. މުއިއްޒު،" ޔާމީންގެ ވެރިކަމުގައި ހައުސިން އާއި ޕާކްތަކާއި ބަނދަރުތައް އަދި ސިނަމާލެ ބްރިޖުގެ މަޝްރޫއު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި މުއިއްޒާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރަން ޔާމީން ފެއްޓެވި މަސައްކަތް ވެސް މުއިއްޒު ފުރިހަމަ ކުރައްވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ޔާމީނެކޭ އެއްފަދައިން މުއިއްޒުގެ ވެސް އަމާޒަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އެނގެނީ އެ ސިޔާސަތާ އެކީގައި ޑރ. މުއިއްޒު ނުކުމެވަޑައިގެން ހުންނެވީ،" ޝިޔާމް ވިދާޅުވި އެވެ.

މުއިއްޒަށް ތައުރީފް ކުރައްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމަށް އިންތިހާބު ކާމިޔާބުކުރަން އެންމެ ފަސޭހަވާނެ ކެންޑިޑޭޓަކީ ވެސް މުއިއްޒު ކަމަށެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ ތެރޭގައި މުއިއްޒާ ވާދަ ކުރެއްވޭނެ ފެންވަރު ހުރި ބޭފުޅަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.