ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓައި ނަގަހައްޓާ ހުރިހާ ގައުމުތައް އަބަދުވެސް ދެމިއޮންނާނީ އެކުއެކީގައި ކަމަށް ތައިވާންގެ ރައީސް ސައި އިންގް-ވެން މިއަދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓައި ނަގަހައްޓާ ހުރިހާ ގައުމުތައް އަބަދުވެސް ދެމިއޮންނާނީ އެކުއެކީގައި ކަމަށް ތައިވާންގެ ރައީސް ސައި އިންގް-ވެން މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީއާ ބައްދަލުކުރެއްވި ފޮޓޯތަކަކާ އެކު ކުރެއްވި ޓުވީޓެއްގައި ރައީސް ސައި ވިދާޅުވީ ތައިވާންގެ ބިމުގައި ނެންސީއާ ބައްދަލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި ނެންސީ ތައިވާނަށް ކުރައްވާ ތާއީދުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ރައީސް ސައި ވިދާޅުވި އެވެ.
"ކަމަނާގެ މި ޒިޔާރަތް ރަމްޒުކޮށްދެނީ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ކުރާ ވަރުގަދަ ތާއީދު އެކަންޏެއް ނޫން. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާންމު ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޑިމޮކްރެސީތައް އަބަދުވެސް ދެމިއޮންނާނީ އެކުއެކީގައި ކަމުގެ ވަރުގަދަ މެސްޖް ވެސް، ކަމަނާގެ މި ޒިޔާރަތުން މުޅި ދުނިޔެއަށް ލިބިގެން އެބަދޭ،" ތައިވާންގެ ރައީސް ސައިގެ ޓުވީޓްގައިވެ އެވެ.
އޮގަސްޓް 2، 2022: އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ، ތައިވާންގެ ރައީސް ޓިސައި އިންގް-ވެން (ކ)ގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި،، ޕެލޯސީ ވާހަކަ ދައްކަވަނީ،. --އޭއެފްޕީ
ނެންސީ މެލޭޝިޔާ އިން ފުރާވަޑައިގެން ތައިވާންގެ ވެރިރަށް ޓައިޕޭގެ ވައިގެ ބަނދަރަށް ވަޑައިގަތީ، އެމެރިކާގެ ވައިގެ ސިފައިންގެ ޚާއްސަ މަތިންދާބޯޓެއްގަ އެވެ. ނެންސީ އަށް ޓައިޕޭގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ ތައިވާން ސަރުކާރުގެ ބައެއް ވަޒީރުންނެވެ.
ރަސްމީ ގޮތުން ނެންސީ އަށް މަރުހަބާ ދެންނެވީ ތައިވާންގެ ރައީސް އޮފީހުގަ އެވެ. އެކަމަށްޓަކައި އެ އޮފީހުގައި ބޭޢްވި ރަސްމިއްޔާތުގައި ތައިވާންގެ ރައީސް ސައި އިންގް-ވެން ވަނީ، ބޭރުގެ އިއްޒަތްތެރިންނަށް ތައިވާނުން ދޭ އެންމެ މަތީ އިއްޒަތް، އޯޑާ އޮފް ޕްރޮޕިޝިއަސް ކްލައުޑްސް ވިތު ގްރޭންޑް ކޯޑްން އަރުވައިފަ އެވެ.
ރޭގެ ވަގުތެއްގައި ނެންސީ ޓައިޕޭއަށް ވަޑައިގަތް އިރު، ވައިގެ ބަނދަރުގެ ބޭރުގަ އާއި މަގުތަކުގައި ނެންސީގެ ދަތުރަށް ތާއީދުކުރާ މީހުންނާއި އެކަމާ ދެކޮޅު މީހުން ވެސް އެއްވެ ތިއްބެވެ. އޭނާގެ ޒިޔާރަތަށް ތާއީދުކުރާ މީހުން ބުނި ގޮތުގައި ނެންސީގެ ދަތުރުން ސާބިތުވަނީ ތައިވާންގެ މިނިވަންކަމަށް އެމެރިކާ އިން ތާއީދުކުރާ މިންވަރެވެ.
އޮގަސްޓް 2، 2022: އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ (މ)، ތައިވާންގެ ވެރިރަށް ޓައިޕޭއަށް ވަޑައިގަތުމަށް ފަހު، ޓައިޕޭގެ ވައިގެ ބަނދަރުގައި އޭނާގެ ވަފްދުގެ ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ. --އޭއެފްޕީ
ނަމަވެސް އަނެއް ބަޔަކު ބުނި ގޮތުގައި ނެންސީގެ ދަތުރުން ތައިވާނާއި ޗައިނާގެ ގުޅުން ގޯސްވެ، ތައިވާންގެ މިނިވަންކަމަށް އިތުރު ހުރަސްތައް ކުރިމަތިވުން ނޫން ކަމެއް ނުވާނެ އެވެ.
ނެންސީ ތައިވާނަށް ކުރައްވާ މި ދަތުރުގައި މިއަދު ހެނދުނު ވަނީ ތައިވާންގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައި މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ. ނެންސީގެ މި ދަތުރަށް އެމެރިކާ ސަރުކާރުންނާއި ޗައިނާ ސަރުކާރުން ވެސް ދެކޮޅު ހަދާފައިވާ އިރު، ޗައިނާގެ އަސްކަރިއްޔާ އިން އިއްޔެ ވަނީ ތައިވާނާ ކައިރިން ކަނޑުމަތީގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފަ އެވެ.
ޗައިނާ އިން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށް ނެންސީ ތައިވާނަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޗައިނާ އިން ވަނީ ތައިވާނުން އެގައުމަށް ފޮނުވާ މޭވާގެ ބާވަތްތަކާއި ކަނޑު މަސް އެތެރެކުރުން ހުއްޓާލައިފަ އެވެ. އަދި ޗައިނާ އިން ތައިވާނަށް އެކްސްޕޯޓްކުރާ ވެލި، ޗައިނާ އިން ބޭރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ތައިވާންގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރަނީ ޗައިނާ އިން އެކްސްޕޯޓްކުރާ ވެއްޔެވެ.
އެމެރިކާގެ މަނަވަރުތައް ތައިވާން ކަނޑުއޮޅި ހުރަސްކޮށްފި
ޗައިނާއިން މުވާސަލާތު ނުކުރާތީ އެމެރިކާ ރުޅިގަދަވެއްޖެ
ޗައިނާގެ އަސްކަރީ ތަމްރީންތައް ތައިވާން ކައިރީގައި
ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ނެންސީ ތައިވާނަށް
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް