Roadha Mihaaru
މާލޭ ސްކޫލްތަކަށް އެދޭ ދަރިވަރުން ދެ ގުނަވެއްޖެ

މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ

04 އޯގަސްޓް 2022

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު މި އަހަރު ދެ ގުނަ އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު މި އަހަރު ދެ ގުނަ އިތުރުވެއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް ވިދާޅުވީ އެވްރެޖުކޮށް މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން ހުށަހަޅަނީ ޖުމްލަ 500 އެއްހާ ފޯމު ކަމަށެވެ.

ނަމަވެސް ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު އެ އަދަދު ވަނީ ދެ ގުނަ އިތުރުވީ އެވެ.

މޫސަ ވިދާޅުވީ ރަށްރަށުގައި ދިރިއުޅެމުން ދިޔަ ދަރިވަރުންގެ ތެރެއިން މި އަހަރު ގްރޭޑު އެކަކަށް ވަންނަން އެކަނި ވެސް 550 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެހެން ގްރޭޑުތަކަށް އަލަށް ބަދަލުވާން ހުށަހެޅި ހާހެއްހާ ފޯމާއެކު، މި އަހަރު މާލޭގެ ސްކޫލްތަކަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާން ބޭނުންވެގެން ހުށަހަޅާފައިވާކަން މޫސާ ފާހަގަކުރެއްވި އެވެ.

ގްރޭޑު އެކަކަށާއި އެކި ސްކޫލުތަކަށް ބަދަލުވާން މިނިސްޓްރީއަށް ޖުމްލަ 5،260 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، މާލެ ސަަރަހައްދުގައި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުން ވެސް ހިމެނެ އެވެ.

މޫސަ ވިދާޅުވީ 5،100 އަށްވުރެ ގިނަ ފޯމަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ. އިއްޔެ ވެސް 100 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އެންމެ ފުރަތަމަ ސްކޫލު އަންނަ މަހުގެ ހަތަރެއްގައި ހުޅުވާނެ އެވެ.

އަހުމަދު ކާމިލް ދީދީގެ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށެވެ. އިތުރު ޕްރީ ސްކޫލެއް ވެސް އެ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާއިރު، ސަލާހުއްދީންގެ ސްކޫލްގެ ނަމުގައި އަމީން ކޮންސްޓްރަކްޝަން އިން އިމާރާތްކުރާ ސްކޫލް އަންނަ ޖެނުއަރީގައި ހުޅުވާނެ އެވެ.

ދެ ވަނަ ފިޔަވަހީގައި އިތުރު ހަތަރު ސްކޫލެއް އަޅަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.