ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފި އެވެ.
07 މާޗް 2021
ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން ދިރާސީ ކޮންމެ އަހަރެއްގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އައި ބަދަލާ އެކު އެކަން ބަދަލުވީ ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ވެރިން ވިދާޅުވި އެވެ.
އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވި ގޮތުގައި، އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. އަދި އެއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރީ ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާއާ އެކުގަ އެވެ. އެ ބަދަލާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ބޮޑު ޗުއްޓީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"..ހަމަ އެއާ އެއްކޮށް، ފުރަތަމަ ޓާމު ނިންމާލާފައި، ޓާމު ބަންދާ އެއްކޮށް މުޅިއެކު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވިގޮތުގައި، މި ސަރުކާރު ބަދަލުވިއިރު ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމަށް އެކި ފަރާތްތަކުން އޮތީ އެދިފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން އެކަން މިނިސްޓްރީގެ ސަމާލުުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބްރީފިންގައި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު ވާހަކަ ދައްކަވަނީ.
ގެސްޓު ހައުސް މަހާސިންތާ އަދި އެހެނިހެން ހަރަކާތްތަކުގައި ޓޫރިޒަމް ދާއިރާ އިން އެގޮތަށް ހުށަހަޅާފައި ވެ އެވެ. އޭރު ވެސް މިނިސްޓްރީ ވެސް ދިން ޖަވާބަކީ އެކަޑެމިކް ކަލަންޑަރަށް ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމަށެވެ. އޭގެ ތެރެއިން، ސްކޫލު ޗުއްޓީ އަށް މިދިޔަ އަހަރުން ފެށިގެން ބަދަލު ގެނެސްފައި ވެ އެވެ.
މިހާތަނަށް ބޮޑު ޗުއްޓީ ދިމާވާ ޑިސެމްބަރު މަހަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ދުވަސްވަރެވެ. އެހެންވެ ޗުއްޓީގެ ބޭނުން ރަނގަޅަށް ނުހިފެ އެވެ. ކޮވިޑު-19 ކުރިމަތިވީ އެކަމުގެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ.
"ކޮވިޑު-19 އާ އެކީގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސްކޫލުތަކަށް އެކަޑެމިކް އިޔާ އަށް ބަދަލުތަކެއް ވަރަށް ގިނަ ގައުމުތަކުގައި އެކިއެކި ބަދަލުތައް ގެނެވިގެން ދިޔަ. އެއް އަހަރަށް ދިގު ދަންމާލެވިގެން ވެސް ދިޔަ. ނަމަވެސް ރާއްޖޭގައި މާޗު 15 ގައި އޭރު ނިންމީ އޯ ލެވެލް އިމްތިހާނު ފަސްކުރުމާ އެކީގައި އެކަޑެމިކް އިޔާ،" މުޖާހިދު ވިދާޅުވި އެވެ.
"މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވިގެން ދިޔައީ."
މި އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.
"..ހަމަ އެއާ އެއްކޮށް، ފުރަތަމަ ޓާމު ނިންމާލާފައި، ޓާމު ބަންދާ އެއްކޮށް މުޅިއެކު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނެ،" މިނިސްޓަރު
"މިއީ މިފަދަ ބަދަލެއް ނުވަތަ މިފަދަ ނިންމުމެއް ނިންމަން އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ވާތީ މި ކަމާ ގުޅޭގޮތުން ތަފާތު އެކި ދާއިރާތަކުގެ ބޭފުޅުންނާ ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާއާ ގުޅުން ހުރި އަދި ދަރިވަރުންގެ ކަންތައްތަކާ ގުޅުން ހުރި ހުރިހާ ބޭފުޅުންނާ ވެސް މަޝްވަރާ ކުރެވިގެން މި ނިންމުމާ ހަމައަށް އާދެވިފައި މި ވަނީ،" މުޖާހިދު ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ސޯޝަލް ކައުންސިލަށް ކަރުދާހެެއް ހުށަހަޅައި އެ ކައުންސިލްގެ ލަފާގެ މަތިން ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ނިންމުމުގެ އަސަރު ކުރާނެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ހިޔާލުހޯދާފައިވެ އެވެ.
ގާލްގައިޑާއި ސްކައުޓާއި ކުޅިވަރުގެ އެކި ފަރާތްތަކާއި މަޝްވަރާ ކުރިއިރު ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން އެ ފަރާތްތަކުން ތާއީދުކުރާ ކަމަށާއި އޭގެ ފަހުން ކުރިއަށް ގެންދިޔަ ސާވޭގައި ވެސް، އެ ބަދަލު ގެންނަން ގިނަ ބަޔަކު ތާއިދުކުރިކަން އިހުސާން ފާހަގަކުރެއްވި އެވެ.
ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުން، ގްރޭޑު އެކަކަށް ކުދިން ވެއްދުމަށް ވެސް ބަދަލު އަންނާނެ އެވެ. މި އަހަރަށް ހަމަޖައްސާފައިވާ އުސޫލުން ގްރޭޑު 1 އަށް ވައްދާނީ ވޭތުވެދިޔަ ދެ އަހަރު ޕްރީ ސްކޫލު ނިންމައި، ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލް ކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.
މުޖާހިދު ވިދާޅުވިގޮތުގައި، އަންނަ އަހަރު ސްކޫލަށް ކުދިން ވެއްދުމުގައި އުމުރު ކަނޑައެޅުމުގެ ތަފްސީލުތައް އެ އަހަރު ހާމަކުރާނެެ އެވެ.
އިހުސާން ވިދާޅުވީ ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމާ ގުޅިގެން އޯ ލެވެލް އިމްތިހާނު އަދި އޭ ލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން މަހު ކަމަށެވެ. އެ މުއްދަތުގައި އިމްތިހާނު ބޭއްވުމުގެ ސަބަބުން، މީގެ ކުރިން އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް އިމްތިހާނު ބާއްވާފައި ދަރިވަރުންނަށް ނަތީޖާ ލިބި، އޭ ލެވެލް ފެށުމާ ދޭތެރޭގައި ހަ މަސް ދުވަސް ހޭދަކުރެ އެވެ.
ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އެކަމަކު، އެ ބަދަލާއެކީގައި ދެ އިމްތިހާނު ވެސް މެއި/ޖޫންގައި އޮންނާތީ އިމްތިހާނު ނިމި އޭ ލެވެލް ފެށުމާ ދޭތެރޭގައި ކުރިން ހޭދަވި މުއްދަތެއް ދެން ބާކީ ވެގެން ނުދާނެ އެވެ. ނަތީޖާ ލިބި، ދިރާސީ އާ އަހަރު ފެށޭއިރު އޭ ލެވެލްގެ ކިޔެވުން ވެސް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
"އޯ ލެވެލް ނިންމާފައި، މާ ގިނަ ދުވަހެއް ނުކޮށް ދަރިވަރުން އޭ ލެވެލް ފެށުމަށް އިންތިޒާމު އިރާދަކުރެއްވިއްޔާ މި ބަދަލާއެކީގައި ހަމަޖެހިގެންދާނެ. ދެ އެގްޒާމް، އެއީ އޯ ލެވެލް އެގްޒާމް ވެސް އަދި އޭ ލެވެލް އެގްޒާމް ވެސް އޮންނާނީ މެއި/ޖޫންގައި،" އިހުސާން ވިދާޅުވި އެވެ.
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ގިނަ ސްކޫލްތަކެއް އެއް ދަންފަޅި އަށް ބަދަލުކޮށްފި
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!