Roadha Mihaaru
އިންޑިއާ ނުރުހުމުން ޗައިނާ މަނަވަރު ލަންކާއަށް ނުވެއްދި

އިންޑިއާ ނުރުހުމުން ޗައިނާ މަނަވަރު ލަންކާއަށް ނުވަންނަން އަންގައިފި

07 އޯގަސްޓް 2022

ޗައިނާގެ އަސްކަރީ އުޅަނދެއް ކަމަށްވާ "ޔުއާން ވަންގް 5" ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އެކަމާ ދެކޮޅަށް އިންޑިއާ ތެދުވެ ޝަކުވާކުރަން ފެށުމާ އެކު އެ ދަތުރު ފަސްކުރުމަށް ލަންކާ އިން ޗައިނާ އަށް އަންގައިފި އެވެ.

ޗައިނާގެ އަސްކަރީ އުޅަނދެއް ކަމަށްވާ "ޔުއާން ވަންގް 5" ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އެކަމާ ދެކޮޅަށް އިންޑިއާ ތެދުވެ ޝަކުވާކުރަން ފެށުމާ އެކު އެ ދަތުރު ފަސްކުރުމަށް ލަންކާ އިން ޗައިނާ އަށް އަންގައިފި އެވެ.

ޗައިނާއިން ބިނާކޮށްދީ އަދި އެތަނަށް ލޯނު އަދާނުކުރެވިގެން ޗައިނާ ކުންފުންޏަކަށް 99 އަހަރަށް ދީފައިވާ ބަނދަރަށް ބޯޓު ވަންނަން ހަމަޖައްސާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް މެރިން ޓްރެފިކް ވެބްސައިޓުން އެނގެ އެވެ.

ސްޕޭސް އަދި ސެޓެލައިޓް ޓްރެކިން ފަދަ ވަސީލަތްތައް ގާއިމުކޮށްފައިވާ، ސާވޭ އުޅަނދު އިންޑިއާގެ ބިތްދޮށުުގައި ބަނދަރުކުރަން އުޅެން ފެށުމާ އެކު އިންޑިއާ އިން މިދިޔަ ހަފްތާގައި އެކަމާ ޝަކުވާކުރަމުން ބުނެފައިވަނީ އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށާއި ޗައިނާ އުޅަނދުގެ ހަރަކާތްތައް ބަލަމުން ގެންދާނެ ކަމަށެވެ.

އޭއެފްޕީން ބުނި ގޮތުގައި ޗައިނާގެ އުޅަނދު ލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް، ލަންކާގައި ހުންނަ ޗައިނާ އެމްބަސީއަށް ލަންކާ ފޮރިން މިނިސްޓްރީން ލިޔުމުން މިހާރު ވަނީ އަންގައިފަ އެވެ.

"ޔުއާން ވަންގް 5 ލަންކާއަށް ވަނުމާ މެދު އިތުރަށް މަޝްވަރާކޮށް ވަކި ގޮތަކަށް އަންގަންދެން ދަތުރު ފަސްކުރުމަށް އެދެން" ކަމަށް ފޮރިން މިނިސްޓްރީގެ ލިޔުމުގައި ބުނެފައިވެ އެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހާ ވެސް ހުކުރު ދުވަހު ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައި ޗައިނާ އުޅަނދުގެ ދަތުރު ކުރިން އޮތް ގޮތަށް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިންޑިއާ އިން ދެކޭ ގޮތުގައި ޗައިނާގެ އެހީގައި 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން، އިންޑިއާ ކައިރީގައި ހަދާފައިވާ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެ އެވެ. މިއީ އޭޝިއާ އިން ޔޫރަޕަށް އާންމުކޮށް ދަތުރުކުރާ މަގާ ކައިރީގައި އޮންނަ ތަނެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ރޮއިޓާސް އަށް ބުނީ ވަކި ގައުމެއްގެ އިހްތިސާސް ނުހިނގާ، ހައި ސީސްގައި ލިބިދޭ މިނިވަންކަމުގެ ހައްގު ޗައިނާ އިން އަބަދުވެސް ބޭނުންކުރަނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށެވެ.

ލަންކާގެ ކޮންސަލްޓިން ފާމެއް ކަމަށްވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ސްރީ ލަންކާ އިން އެތަނުގެ ވެބްސައިޓުގައި ބުނެފައި ވަނީ "ޔުއާން ވަންގް 5" ހަމްބަންޓޯޓާ ބަނދަރުގައި ހަފްތާއެއްހާ ދުވަހު އޮންނާނެ ކަމަށެވެ. އަދި މި މަނަވަރުން ސްޕޭސް ޓްރެކިން، ސެޓެލައިޓް ކޮންޓްރޯލް އަދި ރިސާޗް ޓްރެކިންގެ މަސައްކަތް އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ކުރާނެ ކަމަށް ބުނެފައިވެ އެވެ.