Roadha Mihaaru
ޝިއާއުގެ މަރުގެ ޚަބަރުގެ ކުރިން ހަޅޭކުގެ އަޑު އިވުނު!

ޝިއާއު މަރުވެފައި އޮއްވައި ފެނުމުގެ ކުރިން ހަޅޭކުގެ އަޑު އިވުނު!

07 އޯގަސްޓް 2022

އަނިޔާވެރި މަރަކުން ޒުވާން އުމުރުގައި ޝިއާއު މުހައްމަދު ސައީދު، ވަކިވެއްޖެކަން އާއިލާ އަށް ގަބޫލެއް ނުކުރެވެ އެވެ. މި ދުނިޔެ އިން ދުވަހަކު ވެސް ބައްދަލު ނުވާނެ ކަމުގެ އިހްސާސުން ތިބީ ހިތް ކުދިކުދި ވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރި މަރަކުން ޒުވާން އުމުރުގައި ޝިއާއު މުހައްމަދު ސައީދު، ވަކިވެއްޖެކަން އާއިލާ އަށް ގަބޫލެއް ނުކުރެވެ އެވެ. މި ދުނިޔެ އިން ދުވަހަކު ވެސް ބައްދަލު ނުވާނެ ކަމުގެ އިހްސާސުން ތިބީ ހިތް ކުދިކުދި ވެފަ އެވެ.

ޝިއާއު، 22 ގެ މަރުގެ ޚަބަރު ލިބުނީ، އޭނާގެ އާއިލާގެ އަންހެނަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި މެންދަމު ތެދުވެ އަޅުކަމުގައި އުޅެނިކޮށެވެ. މާލޭގައި ދިރިއުޅޭ ޝިއާއު ބޯ ބުރިކޮށްލައި އަތާއި ފައި ވަކިކޮށްފައި އޮއްވައި ފެނިއްޖެއޭ ބުނުމުން ހުރެވުނު ތަނެއް ވެސް ނޭނގުނެވެ.

"އެ ކުއްޖާ އަށް އެ ވަރު ކޮށްލަން ވީ ކީއްވެހޭ" ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތަކާ އެކު އަވަސްވެގަތީ އޭނާގެ މަންމަ އާއި ބައްޕަ އަށް ގުޅަން ކަމަށް އޭނާ ބުންޏެވެ.

ޝިއާއުގެ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ ވެސް ތިބީ ފުވައްމުލަކުގަ އެވެ. މަންމައަކީ އެ ރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވީ ނަރުހެކެވެ.

މާލޭގައި ދިރިއުޅޭ ފިރިހެނަކު ފުވައްމުލަކަށް ގުޅީ ޝިއާއުގެ ހަށިގަނޑު ދެކިލަން މޯޗަރީ އަށް ދަމުންނެވެ. ހ. ޝީރީންވިލާ އިން ރޭ ދަންވަރު ދެ ކޮތަޅުގައި ޝިއާއުގެ ހަށިގަނޑު ނެރެގެން ގެންދިޔަ ނަމަވެސް މޯޗަރީގައި ހަށިގަނޑުގެ ބައިތައް ބާއްވާފައި އޮތީ އެއްކޮށް ކަމަށް އޭނާއާ ހަވާލާދީ "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކަން [މަރުގެ ޚަބަރު] އެނގުމާ އެކު ކުއްޖާގެ ބައްޕަ ސަކަރާތްވެއްޖެ. މަންމަ ކުޑަކޮށް ތެދުވެ އުޅުނަސް ބައްޕަ އަށް ނުވެސް ތެދުވެވޭ. ދޮށީ އަންހެން ދަރިފުޅު ވަރަށް ހިތްވަރު އެބަދޭ," އޭނާ ބުންޏެވެ.

ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލައިފައި އޮތް މަރިޔަމް ޝިއާއު ސައީދު

ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލައިފައި އޮތް މަރިޔަމް ޝިއާއު ސައީދު

އާއިލާ އިން އެދެނީ އެ ހިތްދަތި ކަމުގެ އެއްވެސް ވާހަކައެއް ނޫސްތަކުގައި ނުލިޔުމަށެވެ. އެކަން ހިނގި ގޮތް ސާފުކުރަން އެ އާއިލާއަށް ނުގުޅުމަށެވެ.

އެކަމަކު މިއީ މުޅި ގައުމު މިއަދު ސިއްސުވާލި ސުވާލެވެ! ހ. ޝީރީންވިލާގައި ޝިއާއު މަރާލަންވީ ކީއްވެ ހެއްޔެވެ؟

ތަހުގީގުގެ ކުރީކޮޅަށް ވާތީ މި ކޭސްއާ ގުޅޭ ގޮތުން ފުލުހުން ވެސް އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ.

ޝިއާއު ދަންނަ ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ މަރުގެ ތުހުމަތަށް އެ ގެއިން ހައްޔަރުކުރި ޒުވާން ސްކޭޓަރު އަލީ ޝާހިލް އެކުގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޭގެ ނުވަ ވަނަ ފްލޯގައި އޭނާ ދިރިއުޅެމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މަރުގެ ޚަބަރުގެ ކުރިން އެ ފްލޯގައި ޒުވާބުކުރާ އަޑާއި ހަޅޭކުގެ އަޑު އިވުނު ކަމަށް ބައެއް މީހުން ބުންޏެވެ.

"އެ އެޕާޓްމަންޓުގެ ތެރެއިން ޒުވާބުކުރާ އަޑު އިވޭތާ ދެ ތިން ދުވަސްވެއްޖެ ކަމަށް އިމާރާތުގައި އުޅޭ މީހަކު ބުނި. އޭނަ [ޝާހިލް] ފެނުނު އިރު ހުރި ގޮތުން ބެލެވެނީ މަރާލާފައި ހަށިގަނޑު ނައްތާލަން ތައްޔާރުވާން އުޅުނީ ކަމަށް،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

ޝީރީންވިލާ އަށް ޝިއާއު ދިޔަ އިރެއް އަދި ބޭނުމެއް އަދި ކަށަވަރެއް ނޫނެވެ. އެ ތަނުގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓާ އެކު ފުލުހުން ހަރަކާތްތެރިވާން ފެށީ ރޭ 11:30 ހާ އިރެވެ.

ފުލުހުންގެ ތަހުގީގު ޓީމުން އެ އެޕާޓްމަންޓުގައި ގިނަ އިރުތަކެއް ވަންދެން އުޅުމަށް ފަހު، ނުކުމެގެން ދިޔައީ ޝާހިލް ގޮވައިގެންނެވެ. އޭނާ ހައްޔަރުކުރީ މަރުގެ ތުހުމަތަށް ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ޝިއާއު ދަންނަ ބައެއް މީހުން ބުނި ގޮތުގައި އޭނާ އުޅެނީ އަބަދުވެސް ވަރަށް އިންޑިޕެންޑެންޓްކޮށެވެ.

"ވަރަށް ސޯޝަލް ވާނެ, އެންމެންނާ ވެސް ވަރަށް ގުޅޭނެ," އެކަކު ކިޔައިދިނެވެ.

ޝިއާއު މިއުޒިކާއި ލަވަޔަށް ލޯބި ކުރެ އެވެ. ބައިސްކޯފުގައި ލަވަ ކިޔާފައިވާ އިރު އޭނާގެ ބައެއް ވީޑިއޯތައް އިންސްޓަގްރާމުގައި ވެސް އަޕްލޯޑްކޮށްފައި އެބަހުއްޓެވެ.

ހުޅުމާލޭގައި ދިރިއުޅޭ ދުވުންތެރިއަކާ، ޝިއާއު ދިމާވީ ހުޅުމާލޭގެ ކެފޭއެއްގައި މަސައްކަތްކުރަނިކޮށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އޭނާ ދިރިއުޅުނީ ގެސްޓް ހައުސްއަކާ އެކު ހިންގާ އެ ކެފޭގަ އެވެ.

"އެ ކެފޭއިން ދިމާވި ވަރަށް ނައިސް ކުއްޖެއް އެއީ. ވަރަށް އިންޑިޕެންޑެންޓްކޮށް އުޅޭނީ. ގިޓާކުޅެ ލަވަ ކިޔައި ވެސް ހަދާނެ. ކޯޗު ދުވަން ގެންދާށޭ ވެސް ބުނާނެ. ދެން އެ ދުވަސްކޮޅު ޓްރެކަށް ދުވަން ގޮސް ވެސް ހެދި," އޭނާ ކިޔައިދިނެވެ.

"އެކަމަކު އޭނާ ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ. ރޭ ފަތިހު ހޭލެވުނީ އޭނާގެ މަރުގެ ހިތްދަތި ހަބަރުގެ ތެރެއަށް. ރާއްޖޭގައި ވެގެން އުޅޭ ކަމެއް ބާ އޭ ހިތަށް އެރީ. އޭގެ ފަހުން ދަންނަ ކުއްޖެއް, ޝިއާކަން އެނގުނީމަ މާބޮޑަށް ވެސް ދެރަވި."

އެހާ ޒުވާން އުމުރުގައި އެގޮތަށް ނިމިގެން ދިއުމުން ކޮށްފައި ހުރި އަސަރުން ޝަކުވާތަކަކާއި ގިނަ ސުވާލުތަކެއް އޭނާ އުފެއްދި އެވެ.

ޝާހިލް: އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރުކުރި.

ޝާހިލް: އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރުކުރި.

ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ ސްކޭޓަރު ޝާހިލްއާ ބެހޭ ގޮތުން ވާހަކަ ދެއްކި ގިނަ މީހުން ބުނާ ގޮތުގައި އެއީ އާދައިގެ ކަންތަކާ ވެސް ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. އެ ރުޅި އޭނާ އަށް ކޮންޓްރޯލް ނުކުރެވޭ ފަހަރުތައް ގިނަ ކަމަށް އެކުގައި މަސައްކަތް ކުރި މީހަކު ކިޔައިދިނެވެ.

އާއްމުކޮށް ރާޅުގަނޑުގައި އުޅޭ ޝާހިލްއަކީ ކުރިން މާލޭގެ ގޭންގްތަކާ ވެސް ގުޅުން އޮތެވެ. އެކަމަކު، ކުރިން އުޅުނު ގޮތާ ދުރަށް ދިޔައީ، ސްކޭޓިންގައި ކުރިއަރައިދާން ފެށުމުން، އެކަމުގައި ގިނަ ވަގުތުތައް ހޭދަކުރަން ފެށި ފަހުންނެވެ. ބައިނަލްއަގުވާމީ ސްކޭޓްބޯޑިން މުބާރާތަކުން 2017 ގައި އޭނާ ވިދާލީ އުމުރުން 17 އަހަރުގަ އެވެ.