Roadha Mihaaru
ޝިއާއު މަރުވި ފަހުން ވެސް ހަމަލަދިންކަން އެނގޭ

ޝިއާއު މަރުވި ފަހުން ވެސް ހަމަލަދިންކަން ޕޯސްޓްމޯޓަމުން އެނގޭ: ފުލުހުން

15 އޮކްޓޯބަރ 2022

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ އޮގަސްޓް މަހު ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވި ފަހުން ވެސް ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ގިނައިން ހަމަލަދީފައިވާކަން ޕޯސްޓްމޯޓަމްގެ ރިޕޯޓުން އެނގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ އޮގަސްޓް މަހު ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވި ފަހުން ވެސް ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ގިނައިން ހަމަލަދީފައިވާކަން ޕޯސްޓްމޯޓަމްގެ ރިޕޯޓުން އެނގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ޝިއާއު މަރުވެފައި ވަނީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 22 އަހަރުގެ ޝިއާއުގެ ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާކަން ވެސް ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

"އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދިއިރުގައި ޕޯސްޓްމޯޓަމްގެ މައުލޫމާތުތަކުންނާއި އަދި އަޅުގަނޑުމެން ސީން އޮފް ކްރައިމުން މި މައްސަލަ ބެލިއިރު ލިބުނު މައުލޫމާތުގެ އަލީގައި ކަށަވަރުކޮށް ދަންނަވަން އެނގޭ އެއް ކަމަކީ ޝިއާއު މުހައްމަދު މަރުވި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން. އެ ކަން އަޅުގަނޑުމެންނަށް މިހާރު އެސްޓެބްލިޝް ކުރެވޭ،" ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީދު ވިދާޅުވި އެވެ.

ފުވައްމުލަކަށް އުފަން ޝިއާއުގެ މަރުގެ މައްސަލައިގައި ޒުވާން ސްކޭޓަރު އަލީ ޝާހިލް 22، ސީނުން ހައްޔަރު ކޮށްފައިވާއިރު ފުލުހުން ބުނީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މަރައިލި ގޮތުގެ ތަފުސީލު ވެސް އެބަހުރި ކަމަށާއި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވެސް ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ޝާހިލް މީގެ ފަސް އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއްގައި: ޝިއާއު މަރާލުމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނި.

ޝާހިލް މީގެ ފަސް އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއްގައި: ޝިއާއު މަރާލުމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނި.

"މިހާތަނަށް ލިބިފައި ހުރި ޕޯސްޓްމޯޓަމްގެ ނަތީޖާތަކަށް ބަލާއިރު، ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްދުގައި ދީފައި ހުރި އަނިޔާތަކެއްކަން ޕޯސްޓްމޯޓަމްގެ ރިޕޯޓުން އެބަ ދަލީލު ކޮށްދޭ. އެ އަނިޔާތަކުގެ ސަބަބުންކަން ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ. އެކަން ވެސް ދަލީލު ކޮށްދޭ،" ޑެޓް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވި އެވެ.

އެކަމަކު، މި މައްސަލައިގައި މޯޓިވް ނުވަތަ ޝިއާއު އަށް ހަމަލަދިން ސަބަބު ވަރަށް ބޮޑަށް މުހިންމު ވާތީ އެ ކަން ދެނެގަންނަން މިހާރު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އަދި ޝިއާއުގެ މަރުގެ މޯޓިވް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

"ހަމަ އެކަނި ކުށް ސާބިތު ކުރުމުގެ އިތުރުން މި ތަހުގީގު ނިމޭއިރު އަޅުގަޑުމެންނަށް ކްލިއަލީ އެނގެން ބޭނުންވާ މޯޓިވްއަކީ ކޮބައިކަން. އެހެން ވެގެން މައްސަލައިގެ މުޅި ތަހުގީގަށް ދުވަސްތަކެއް ހޭދަވަމުން ދަނީ. މޯޓިވް އައިޑެންޓިފައި ކުރުމުގެ މަސައްކަތްތަކެއް މިހާރު މި ދަނީ،" ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި އެވެ.

މިހާތަނަށް ލިބިފައި ހުރި ޕޯސްޓްމޯޓަމްގެ ނަތީޖާތަކަށް ބަލާއިރު، ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްދުގައި ދީފައި ހުރި އަނިޔާތަކެއްކަން ރިޕޯޓުން އެބަ ދަލީލު ކޮށްދޭ.---ޕޮލިސް

ފުލުހުން ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުން ދައްކާ ވާހަކަތަކަށް ބަލާއިރު، ޝާހިލްގެ މާ ބޮޑު އެއްބާރުލުމެއް ތަހުގީގަށް ނުލިބެ އެވެ. އޭނާގެ ފޯނު ހުޅުވުމަށް ޕާސްވޯޑް ދިނުމުގައި ވެސް ފުރަތަމަ މަރުހަލާގައި އެއްބާރުލުން ނުލިބުނުކަން ފުލުުހުން ފާހަގަކުރި އެވެ. ފޯނު ހުޅުވީ ވެސް ފުލުހުން ބުނިގޮތުގައި ފުލުހުންގެ ފޮރެންސިކްގެ ބޭފުޅުންނާއި ބޭރުގެ ބައެއްގެ އެހީތެރިކަމާއެކު އެވެ.

"ފޯނުގެ އެކްސްޓްރެކްޝަން ޑޭޓާތައް ފެށޭ ހަފުތާގެ ކުރީކޮޅު ލިބޭނެ ކަމަށް މި ގަބޫލު ކުރަނީ. އެ ލިބޭ ހިސާބުން މޯޓިވް އައިޑެންޓިފައި ކުރަން އިތުރު ހެކިތަކެއް ލިބިގެންދާނެ ކަަމަށް މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެބަ ގަބޫލު ކުރެވޭ،" ހަސަން ސައީދު ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި ޝިއާއު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުށަހެޅޭނެ އެވެ.