Roadha Mihaaru
މަރުގެ ތުހުމަތުކުރެވޭ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި

ތުހުމަތުކުރެވެނީ ޝާހިލް އަށް އެކަނި، އޭނާ ހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

07 އޯގަސްޓް 2022

ހ. ޝީރީންވިލާގައި ރޭ ދަންވަރު ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ރޭ ސީނުން ހައްޔަރުކުރި އަލީ ޝާހިލް އަށް އެކަނި ކަމަށާއި ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ހ. ޝީރީންވިލާގައި ރޭ ދަންވަރު ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ރޭ ސީނުން ހައްޔަރުކުރި އަލީ ޝާހިލް އަށް އެކަނި ކަމަށާއި ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަނިޔާތަކުގެ ތަފްސީލް ދީ އާއިލާ އަށް އިތުރު ހިތާމައެއް ލިބޭކަށް،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ކުރި ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު އެއީ ދެ ރައްޓެހިން ކަމެއް ނުވަތަ އޮތް ނަމަ އޮތް ގުޅުމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެޕާޓްމަންޓަކީ ޝާހިލް ދިރިއުޅޭ ނުވަތަ ގޮސް ގޮސް އުޅޭ އެޕާޓްމަންޓެއް ކަމަށާއި އެތަނުން، މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށެވެ.

"މިހާރު ވެސް ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވެ އިތުރަށް ހޯދައި ބަލަމުން،"

ފުލުހުން ބުނި ގޮތުގައި ޝާހިލްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ. އެކަމަކު އޭނާއާ ގުޅުވައި، އޭނާ އަކީ އަނިޔާވެރި ކަމަށް ހިތްވަރުދޭ މީހެއް ކަމަށް ބުނެ ބައެއް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންކަން ވެރިފައިކުރަމުން އަންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ ތަހުގީގު ނިމެންދެން ޝާހިލް ބަންދުކުރަން މިއަދު އަމުރުދީފަ އެވެ. ފުލުހުން އެދިގެން ޝަރީއަތުގެ އެ މަޖްލިސް ބޭއްވީ ސިއްރުކޮށްގެންނެވެ.

ޝާހިލް ރޭ ހައްޔަރުކޮށް، ގެންދިޔައީ ވެސް ހެޒްމެތު ސޫޓް ލައްވައިގެންނެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.

ޝާހިލް އަކީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރެކެވެ. އެ ކުޅިވަރުން އޭނާ ވަނީ ބައިނަލްއަގްވާމީ ކާމިޔާބީ ވެސް ހޯދައިފަ އެވެ.