Roadha Mihaaru
"ބޮޑު ސަމާލުކަމެއް ދޭންވީ ކުދިންގެ ރައްކާތެރިކަމަށް"

އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދަރިވަރުންގެ ރައްކާތެރިކަމަށް: މިނިސްޓަރު

07 އޯގަސްޓް 2022

ތައުލީމު ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމު ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ މީގެ އަހަރެއް ކުރިން އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަވާލުކޮށްފައިވާ އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަން ކަމަށެވެ.

އެހެންވެ، ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުއާމަލާތްކުރަނީ ކޮން ބައެއްކަން ދެނެގަނެ، އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓިއުޝަނަށް ދަރިވަރުން ފޮނުވާއިރާއި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެ ފޮނުވާ ތަނަކީ މިނިސްޓްރީން އާއްމުކޮށްފައިވާ ގަވައިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުން މުހިއްމު،" ހިތޯބުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކާމިޔާބީގެ ސިއްރަކީ ގަދައަޅާ މަސައްކަތްކުރުން ކަމަށްވާތީ މި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު އަޒުމްތައް ކަނޑައެޅުން މުހިއްމު ކަމަށެވެ. ކޮންމެ ކުއްޖެއް ވެސް، އެ ކުއްޖެއްގެ އަޒުމްތައް ހާސިލްކުރަން މަންޒިލަށް ވާސިލްވާން އެއްވާނެއްގައި މަސައްކަތްކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.

ގައުމު ބިނާކުރުމުގައި ޓީޗަރުން ކުރާ މަސައްކަތް ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިދިޔަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީ އޭގެ އެއް ހެކި ކަމަށެވެ.

އޭގެ ނަތީޖާ، ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި، އެ ސްކޫލްގެ ދަރިވަރުންތަކެއް ނަށަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދިރާސީ އާ އަހަރުގެ ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި، އެ ސްކޫލްގެ ދަރިވަރުންތަކެއް ނަށަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް. ތިޔަ ބޭފުޅުންގެ ޒިންމާތަކަކީ އޭގެ އަސަރު ބޮޑު ޒިންމާތަކެއް. އެހެން ކަމުން، ތިޔަ ބޭފުޅުންވާނީ އަަމަލުތައް އިހުލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކަ، ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރާ ބަޔަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު އެންމެ އިސްކަންދޭނެ އެއް ކަމަކީ ވެސް ތައުލީމީ ނިޒާމުގެ ފެންވަރު މަތިކުރުން ކަމަށާއި އެކަމަށްޓަކައި އަޅާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އައިޝަތު އަލީ ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމެވެ.

އޭގެ އަމަލީ މަސައްކަތްތައް މި އަހަރު ފެށިގެންދާނެ އެވެ.

ޓީޗަރުންނަށް ލައިސަންސް ދޫކުރަން ފެށުމުން ކުރިއަށް އޮތް ތަނުގައި ހުނަރުވެރި، އަބުރުވެރި ޓީޗަރުން ލިބުމުން ދަރިވަރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތުކުރާއިރު ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެ ކުދިންގެ ކިޔެވުމަށް ވާގިދޭ ކަންތައްތަކަށް އެ ކުދިން ހުށަހަޅާ، ސްކޫލުން ދޭ ތަރުބިއްޔަތު ނަފީކުރާ ހަރަކާތްތަކާއި މަންޒަރުތަކާއި އަޑުތަކުން ރައްކާތެރިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރިވަރެއްގެ ފުރިހަމަ ގާބިލިއްޔަތުގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ ފައްސިޔަ ވަޔަކީ ތިޔަ ބެލެނިވެރިންނާއި މުދައްރިސުން. ދިވެހި ދަރިވަރުންނަކީ، އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އަޅާލުންތެރިކަން ބޭނުންވާ ބައެއްކަން ހުރިހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ކުދިން ކިޔަވައި ކުޅެ، ބޮޑުވާނެ ރައްކާތެރި، އުފާވެރި މާހައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން ހަނދުމަފުޅުކޮށް އަރުވަން،"