Roadha Mihaaru
ޔުނައިޓެޑުގައި ޓެން ހަގްގެ ފެށުން ފަނުފުލުން

ޔުނައިޓެޑުގައި ޓެން ހަގްގެ ފެށުން ފަނުފުލުން

07 އޯގަސްޓް 2022

މެންޗެސްޓާ (އޮގަސްޓް 8) - އިނގިރޭސި ޕްރިމިއާ ލީގު އާ ސީޒަނުގައި، އާ ކޯޗު އެރިކް ޓެން ހަގް އާއެކު މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-1 އިން ބަލި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮގަސްޓް 8) - އިނގިރޭސި ޕްރިމިއާ ލީގު އާ ސީޒަނުގައި، އާ ކޯޗު އެރިކް ޓެން ހަގް އާއެކު މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-1 އިން ބަލި ވެއްޖެ އެވެ.

ޓެން ހަގް އާއެކު ކުޅޭ ފުރަތަމަ ރަސްމީ މެޗުގައި ޔުނައިޓެޑުން ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ޔުނައިޓެޑްގެ އެންމެ ކުރިއަށް ކުޅުނީ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. ޑިފެންސުގައި ކެޕްޓަން ހެރީ މެގުއާ އާއެކު ލިސަންޑްރޯ މާޓިނޭޒް ކުޅެން އެރުވި އިރު، ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ ސްޓާޓް ކޮށްފަ އެވެ.

މެޗު ފަށައިގެން ޔުނައިޓެޑުން ގޯލު ޖަހަން ފުރުސަތު ތަނަވަސް ކުރި ނަމަވެސް ބްރައިޓަން އިން ދިޔައީ ކައުންޓާ ތަކުގައި ޔުނައިޓެޑުގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބްރައިޓަން އިން ވަނީ މެޗުގެ 30 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ.

ގްރޮސް، ބްރައިޓަން އަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ގްރޮސް، ބްރައިޓަން އަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ލިއަންޑްރޯ ޓްރޮސާޑް ދިން ތުރޫ ޕާހެއްގައި، މެގުއާ ފަހަތުން ކުރިއަށް އަރައި ބޯޅައެއް ހޯދައި، ޑެނީ ވެލްބެކް ވަނީ އެ ބޯޅައަށް މަސައްކަތް ކުރި ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަށް ލިބުމުގެ ކުރިން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލައިފަ އެވެ. އަދި ކީޕަރު ޑޭވިޑް ޑެހެއާ އާއި ޑިފެންޑަރު ލޫކް ޝޯ އަށް ވެސް ދިފާއު ނުކުރެވި އުޅެނިކޮށް ގްރޮސް ވަނީ ގޯލުތެރެއަށް ފޮނުވާލައިގެން ބްރައިޓަން އަށް ލީޑު ނަގައިދީފަ އެވެ.

ލަނޑަށް ފަހު ޔުނައިޓެޑަށް ކުރިއަށް ޖެހިގެން ކުޅެން އުނގަގޫވި އެވެ. ނަމަވެސް، އޭގެ ކުރިން ޔުނައިޓެޑަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފެނާންޑޭޒް އޭރިއާ ލައިން މަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބާރު ހަމަލާއެއް ގޯލު މަތިން ބޭރަށް ދިޔައިރު، ސްކޮޓް މެކް ޓޮމިނޭ އާއި އެންމެ ކުރިއަށް ކުޅުނު އެރިކްސަން އަށް ލިބުނު ފުރުސަތުގައި މާ ލަސް ކުރުމުން އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ބްރައިޓަން އިން ލީޑު ނެގިތާ ނުވަ މިނިޓް ފަހުން ގްރޮސް ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ޕްރެޝަރު ބޮޑު ކޮށްފަ އެވެ. ކައުންޓާ އެޓޭކެއްގައި އެޑަމް ލަލާނާ އަށް ލިބުނު ބޯޅައެއް ކަނާތްފަރާތުން އެރި ސޮލީ މާޗް އަށް ޖައްސާލުމުން އޭނާ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ޑެހެއާ ދިފާއު ކުރި ނަމަވެސް، ރީބައުންސް ބޯޅައިގައި ގްރޮސް ވަނީ ކައިރީގައި ހުރަސް އަޅަން ހުރި ފްރެޑް އަށްވުރެ ކުރިން އެ ބޯޅަ ހޯދައި ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ޔުނައިޓެޑް ކޮޅަށް ޕްރިމިއާ ލީގުގައި ޖެހި ހަ ވަނަ ލަނޑެވެ.

ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުޅެން އެރީ ދެވަނަ ހާފުުގައި. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުޅެން އެރީ ދެވަނަ ހާފުުގައި. -- ފޮޓޯ: އޭއެފްޕީ

ޓެން ހަގް ވަނީ ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނިޓުގައި ފްރެޑްގެ ބަދަލުގައި ރޮނާލްޑޯ ކުޅެން އަރުވައިފަ އެވެ. އޭގެ ކުރިން މެދުއާ އާއި ޓްރޮސާޑާ ދެމެދު ހިނގި ކުޑަވަރެއްގެ ހިތްހަމަ ނުޖެހުމެއްގައި ދެ ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ޔުނައިޓެޑުން ފަރަގު ކުޑަކުރީ 68 ވަނަ މިނިޓުގައި ބްރައިޓަންގެ އަލެކްސިސް މެކް އަލިސްޓާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑު ފެނުނީ، އެރިކްސަން އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާއިން ލިބުނު ކޯނަރެއްގަ އެވެ. މިއީ އެ ޓީމުން މި ހާފުގައި ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ އެވެ. ކޯނަރުގައި ހުރަސްވި ބޯޅަ، ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް އަށް ކްލިއާ ނުކުރެވުމުން ޑިއޯގޯ ޑަލޮޓް ގައިގައި ޖެހިފައި މަތަވި ބޯޅަ އޭނާ ފޮނުވާލި އެވެ. ނަމަވެސް ގޯލަށް ވަދެވަދެ އޮތް ބޯޅަ ކީޕަރު އަތުން ޖައްސާ ބޭރުކޮށްލަން އުޅުނު ބޯލަ ވަނީ ހަމަ އެ ބޯޅަ ކްލިއާ ކުރަން މަސައްކަތް ކުރި މެކް އަލިސްޓާ ފައިގައި ޖެހިފަ އެވެ.

ރޮނާލްޑޯ އަރުވައިގެން ވެސް، މި ލަނޑު ފިޔަވައި ދެން މި ހާފުގައި ވެސް ޔުނައިޓެޑަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފަ އެއް ނުވެ އެވެ. އެންމެ ނުރައްކާތެރިކޮށް ދެން އެޓީމުން ފޮނުވާލި ހަމަލާ ފެނުނީ، ރޮނާލްޑޯގެ ޝޮޓެއް ބްލޮކް ކޮށްގެން ލިބުނު ކޯނަރެއްގަ އެވެ. ނަމަވެސް އެރިކްސަން ނަގައިދިން ކޯނަރުގައި ޑިފެންޑަރު މާޓިނޭޒް ބޯޅަ ހޯދައި ހަނި އޭންގަލް އިން ފޮނުވާލުމުން ބްލޮކް ކުރީ ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކް އެވެ.

ޑަލޮޓް ފޮނުވާލި ބޯޅަ ދިފާއު ކުރަން ބްރައިޓަންގެ ކީޕަރު ސަންޗޭޒް އާއި މެކް އަލިސްޓާ މަސައްކަތް ކުރަނީ، ޔުނައިޓެޑުގެ ހަމައެކަނި ގޯލަކީ މި ބޯޅައިގައި މެކް އަލިސްޓާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލު. -- ފޮޓޯ: އޭއެފްޕީ

ޑަލޮޓް ފޮނުވާލި ބޯޅަ ދިފާއު ކުރަން ބްރައިޓަންގެ ކީޕަރު ސަންޗޭޒް އާއި މެކް އަލިސްޓާ މަސައްކަތް ކުރަނީ، ޔުނައިޓެޑުގެ ހަމައެކަނި ގޯލަކީ މި ބޯޅައިގައި މެކް އަލިސްޓާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލު. -- ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ އާއި ބްރެންޓްފޯޑް ވެސް ވަނީ ކުޅެފަ އެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ޓްރާންސްފާ ބާޒާރުގައި މިހާތަނަށް އެންމެ ކުޅުންތެރިއެއްގެ ސޮއި ވެސް ހޯދިފައި ނުވާ ލެސްޓާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް ބްރެންޓްފޯޑުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި އެއްވަރު ކޮށްފަ އެވެ.

ލެސްޓާ އިން ފުރަތަމަ ލަނޑު 33 ވަނަ މިނިޓުގައި ޖޭމްސް މެޑިސަންގެ އެހީތެރި ކަމާ އެކު ޓިމޮޓީ ކޮސްޓާނޭ ޖެހި އިރު، ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު، ޖެމީ ވާޑީގެ އެހީތެރިކަމާ އެކު ޖެހީ ކިއާނަން ޑޫސްބަރީ-ހޯލް އެވެ.

ބްރެންޓްފޯޑުން ފަރަގު ކުޑަކުރީ އިވާން ޓޮނޭ 62 ވަނަ މިނިޓުގައި ޖަހައިދިން ލަނޑުންނެވެ. އަދި 86 ވަނަ މިނިޓުގައި އެ ޓީމަށް އެއްވަރު ކޮށްދިނީ ޖޯޝް ޑަސިލްވާ އެވެ.