Roadha Mihaaru
ފަހު ވަގުތު ބާގްވެއިން ޓޮޓެންހަމް މޮޅު ކޮށްދީފި

ފަހު ވަގުތު ބާގްވެއިން ޓޮޓެންހަމް މޮޅުކޮށްދީފި

20 ޖެނުއަރީ 2022

ލެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ލެސްޓާ ސިޓީގެ ދަނޑުގައި ބަލިވާން ދަނިކޮށް އެންމެ ފަހު ވަގުތުގައި ނެދަލެންޑްސް ފޯވާޑް ސްޓީވެން ބާގްވެއިން ޖެހި ދެ ލަނޑުން 3-2 އިން މޮޅުވެ، ޓޮޓެންހަމް ޓޭބަލްގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ލެސްޓާ ސިޓީގެ ދަނޑުގައި ބަލިވާން ދަނިކޮށް އެންމެ ފަހު ވަގުތުގައި ނެދަލެންޑްސް ފޯވާޑް ސްޓީވެން ބާގްވެއިން ޖެހި ދެ ލަނޑުން 3-2 އިން މޮޅުވެ، ޓޮޓެންހަމް ޓޭބަލްގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

ލެސްޓާ އިން މެޗުގައި ފުރަތަމަ ލީޑު ނެގީ 24 ވަނަ މިނިޓުގައި ޒެމްބިއާ ފޯވާޑް ޕެޓްސޮން ޑާކާ ޖެހި ހިތްގައިމު ލަނޑުންނެވެ. ޓޮޓެންހަމްގެ ހެރީ ކޭން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 76 ވަނަ މިނިޓުގައި ޖޭމްސް މެޑިސަން ޖެހި ގޯލުންނެވެ.

ޓޮޓެންހަމް މޮޅު ކޮށްދިން ބާގްވެއިން ކުޅެން އެރުވީ މެޑިސަން އަލުން ލެސްޓާ އަށް ލީޑު ނަގައިދިންތާ ތިން މިނިޓު ފަހުންނެވެ. ބާގްވެއިން ދެ ލަނޑު ވެސް ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އެއްވަރު ކޮށްދިން ލަނޑު ޖެހިއިރު، މޮޅު ކޮށްދިން ލަނޑު ޖެހީ އޭގެ ދެ މިނިޓު ފަހުންނެވެ.

ރަޝްފޯޑް ޔުނައިޓެޑަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރަޝްފޯޑް ޔުނައިޓެޑަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ޓޮޓެންހަމް ފަސްވަނައިގައި އޮތީ 19 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ. ޓޮޓެންހަމަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ހަތަރު ވަނައިގައި އޮތީ 20 މެޗު ކުޅެފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ. ހަވަނައިގައި އޮތް އާސެނަލް އާއި ހަތްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލިބިފައި ވަނީ 35 ޕޮއިންޓެވެ.

މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 3-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އަނިޔާގެ ސަބަބުން ނުކުޅެވުނު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ފުރަތަމަ 11 ގައި ހިމަނައިފަ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ މޮޅު ކުޅުން ފެނުނުއިރު، މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގެ 10 ވަނަ މިނިޓުގައި ފްރެޑުގެ އެހީތެރިކަމާ އެކު އެންތޮނީ އެލަންގާ އެވެ. އޭގެ ހަތް މިނިޓު ފަހުން މޭސަން ގްރީންވުޑް ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދިންއިރު 77 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ފަހު ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ އިވާން ޓޮނޭ އެވެ.