Roadha Mihaaru
ލެސްޓާ އަތްދަށުވެ ޔުނައިޓެޑުގެ އަވޭ ރެކޯޑް ނިމުމަކަށް

ލެސްޓާ އަތްދަށުވެ ޔުނައިޓެޑުގެ އަވޭ ރެކޯޑް ނިމުމަކަށް

16 އޮކްޓޯބަރ 2021

ލެސްޓާ (އޮކްޓޯބަރު 16) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 4-2 އިން މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް، ލީގުގައި އެޓީމު ދަމަހައްޓަމުން އައި އަވޭ މެޗަކުން ބަލިނުވެ ހަމަކުރި 29 މެޗުގެ ރެކޯޑު ލެސްޓާ ސިޓީން ނިމުމަކަށް ގެނެސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (އޮކްޓޯބަރު 16) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 4-2 އިން މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް، ލީގުގައި އެޓީމު ދަމަހައްޓަމުން އައި އަވޭ މެޗަކުން ބަލިނުވެ ހަމަކުރި 29 މެޗުގެ ރެކޯޑު ލެސްޓާ ސިޓީން ނިމުމަކަށް ގެނެސްފި އެވެ.

ޔުނައިޓެޑުން މި މެޗު ފެށީ އެޓީމު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ބެންޗުން ފެށި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުގެ މޭސަން ގްރީންވުޑް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާ އަށް އެއްވަރު ކޮށްދިނީ ޔޫރީ ޓީލެމަންސް އެވެ.

ދެވަނަ ހާފުގައި ލެސްޓާ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޑިފެންޑަރު ކަގްލާ ސޮޔުންޗޫ އެވެ. މެޗުގެ 78 ވަނަ މިނިޓުގައި ސޮޔުންޗޫ ޖެހި ލަނޑަށް ފަހު ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މާކަސް ރަޝްފޯޑެވެ. މިއީ މިއަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ފަހު ކޮނޑުގެ ސާޖަރީއެއް ހެދި ރަޝްފޯޑް ކުޅުނު ފުރަތަމަ މެޗެވެ.

ރަޝްފޯޑް ޔުނައިޓެޑަށް އެއްވަރު ކޮށްދިންތާ މިނިޓެއް ފަހުން ލެސްޓާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޖެމީ ވާޑީ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ލެސްޓާގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޕަސްޓޮން ޑާކާ އެވެ.

މިއަދު ހަވީރު ލިވަޕޫލް ވަނީ ރަށުން ބޭރުގައި ވަޓްފޯޑާ ވާދަކޮށް 5-0 އިން މޮޅުވެފަ އެވެ. ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ހެޓްރިކް ހެދިއިރު، ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މިރޭ ކުޅުނު ޕްރިމިއާ ލީގުގެ އިތުރު މެޗުތަކަށް ބަލާއިރު ވުލްވްސް ވަނީ ފަހަތުން އަރައި 3-2 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ވުލްވްސްގެ ތިން ލަނޑު ވެސް ޖެހީ އެސްޓަން ވިލާއިން ދެ ލަނޑު ޖަހާފައި ވަނިކޮށެވެ. މީގެ އިތުރުން ބެނާޑީ ސިލްވާ އާއި ކެވިން ޑިބްރޭނާގެ ލަނޑުތަކުން 2-0 އިން މެންޗެސްޓާ ސިޓީން ބާންލީ ބަލިކުރިއިރު، ސައުތެމްޓަން ވަނީ 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނޯވިޗާއި ބްރައިޓަން ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.