Roadha Mihaaru
އަންބަރާއަށް ގެއްލުންދޭތީ ކައުންސިލުން ކަންބޮޑުވެއްޖެ

އަންބަރާގެ ކަނޑޫފަލަށް ވެލި އަޅައި ގުުދުރަތީ ސިފަ ގެއްލުވާލާތީ އަތޮޅު ކައުންސިލުން ކަންބޮޑުވެއްޖެ

10 އޯގަސްޓް 2022

ވ. އަންބަރާގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް، އެ ރަށަށް ގެއްލުންދެމުންދާ ކަމަށް ބުނެ އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ވ. އަންބަރާގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް، އެ ރަށަށް ގެއްލުންދެމުންދާ ކަމަށް ބުނެ އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަނދުވަރު އޯޝަން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް 2013 ގައި 50 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ. ބިޒްނަސް ރަޖިސްޓަރީގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ޝެން ހުއާ އިންޖިނިއަރިން ކޮމްޕެނީ އާއި ސިލޯން ހޮޓެލް މޯލްޑިވްސް އެވެ. ޑިރެކްޓަރުންގެ ގޮތުގައި ތިބީ ސްރީ ލަަންކާގެ ދެ މީހަކާއި ޗައިނާގެ ދެ މީހެކެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ބިނާވެފައިވަނީ ގުދުރަތީ ރީތިކަމުގެ މައްޗަށް ކަމަށް ވާއިރު، އަންބަރާގެ ގުދުރަތީ ސިފަތައް ނައްތައިލައި ގެއްލުން ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމެކެވެ. އަދި އެ އަތޮޅުގައި ޓޫރިޒަމް ދާއިރާ އިން ކުރާ ހުރިހާ މަސައްކަތަކީ ވެސް އަތޮޅުގެ ރީތިކަން ދައްކަން ކުރާ ކަންކަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވިޔަފާރި ބޭނުމަށް ވިޔަސް ދީފައިވާ ރަށްރަށުގައި ހުރި ހާއްސަ ސިފަތައް މިހެން ބެލުމެއް ނެތި ހަލާކު ކޮށްލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ތިމާވެށީގެ ގޮތުން މަސައްކަތް ކުރައްވާއިރުގައި އެބަ ފާސްކޮށްދެއްވާ އީއައިއޭ ރިޕޯޓެއް ވެސް. މި ހުރިހާ އެއްބަސްވުމަކާއެކު މަސައްކަތް ފެށެނީ،" ޝުޖާއު ވިދާޅުވި އެވެ.

"އެކަމަކު ފެށިގެން މިހާ ހިސާބަށް ދާއިރު މި ފެންނަނީ އެއިން އެއްވެސް ކަމަކަށް ބަލައިލުމެއް ނެތި ހިތު ހުރި ގޮތަކަށް ތިމާވެއްޓާ ކުޅެލާ މަންޒަރު."

ވ. އަންބަރާ ކަނޑޫފާ މިހާރު އޮތް ގޮތް -- ފޮޓޯ | ޝުޖާއު އަލީ

ވ. އަންބަރާ ކަނޑޫފާ މިހާރު އޮތް ގޮތް -- ފޮޓޯ | ޝުޖާއު އަލީ

ޝުޖާއު ވިދާޅުވީ، އަންބަރާއަކީ ކުޑަ ރަށެއް ކަމަށާއި އެ ރަށުގެ ގާތްގަނޑަކަށް ތިންބައިކޮށްފައި ދެ ބައިގައި ކަނޑޫފާ ކުޅިއެއް އޮންނަ ކަމަށެވެ. ނަމަވެސް އެ ތަނަށް މިހާރު ފަސްއަޅައި ފޮރުވައިލައިފައި ވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވ. އަތޮޅުތެރޭގައި އުފަން މިތާ އުޅެ ބޮޑުވި މީހުން ވީމާ އަޅުގަނޑުމެންނަށް އެބަ ފެނޭ އޭރު އެތަން އޮތް ގޮތާއި މިހާރު އެ ތަނަށް ދީފައި އެ އޮތް ގެއްލުން،" ޝުޖާއު ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތައް ބަޔާންކޮށް، އެ ކައުންސިލުން ވަނީ އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ. އީއައިއޭ ރިޕޯޓާ ހިލާފަށް އެ ރަށުގައި ކުރާ ކަންކަން ބަލައި ފިޔަވަޅު އަޅައިދޭން އެ ސިޓީގައި ވަނީ އެދިފަ އެވެ.

ޝުޖާއު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ބުނެފައިވާ ކަމަށެވެ.

ވ. އަންބަރާ ކަނޑޫފަަލަށް ވެލި އަޅައިފައި -- ފޮޓޯ | ޝުޖާއު އަލީ

ވ. އަންބަރާ ކަނޑޫފަަލަށް ވެލި އަޅައިފައި -- ފޮޓޯ | ޝުޖާއު އަލީ

ރިސޯޓު ހަދަން އަންބަރާ ކުއްޔަށް ދޫކުރި ފުރަތަމަ ދުވަސްކޮޅު ވެސް ވ. އަތޮޅުގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ރިސޯޓެއް ހެދުމަށް ވުރެ އަތޮޅުގެ މީހުންނަށް މުހިންމު، ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށް ބުނެ އޭރު ވެސް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އެވެ.