Roadha Mihaaru
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

ޝައިހް ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

11 އޯގަސްޓް 2022

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ހިންގަމުން ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެކަމަށް ހިތްވަރު ދިންކަމުގެ ތުހުމަތުކޮށް، ހައްޔަރުކުރި ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރުކުރަމުން ގޮސް، މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓި އެވެ. ކްރިމިނަލް ކޯޓުން އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ނިޝާން ބަންދުގައި ބަހައްޓަން ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ނިޝާންގެ މައްޗަށް ތުހުމަތެއް ކުރެވޭ ކޮންމެވެސް މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަހުން އޭނާގެ ބަންދު މުއްދަތު އިތުރުކުރިއިރު އާ ހެކިތަކެއް ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި އިތުރު ހެކި ވެސް ހިމެނޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ ޝަރުތު ހަމަނުވާ ރިޕޯޓެއް ކަމަށް ނިޝާންގެ ފަރާތުން ފާހަގަ ކުރިޔަސް، ރިޕޯޓުގައި ހުރި ކަންކަމަށް ބާރު ލިބިދޭ އެހެން ގަރީނާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.

ނިޝާންގެ ބަންދު މުއްދަތު ކުރިން އިތުރުކުރި އެހެން މައްސަލައެއް ވެސް އޭނާގެ ފަރާތުން އިސްތިއުނާފްކުރި އެވެ. އެ ނިންމުމަށް ހައި ކޯޓުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.

ނިޝާންގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް ވެސް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އޭނާ ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.