Roadha Mihaaru
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް

ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް

22 ސެޕްޓެމްބަރ 2022

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމަށް ބުނެ ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމަށް ބުނެ ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމަށް ހިތްވަރު ދިންކަމަށް ބުނެ ފަޒްލޫން ހައްޔަރުކޮށް، މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި ފަޒްލޫން ދޫކޮށްލީ ޝަރުތުތަކާ އެއްކޮށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފަޒްލޫން ދޫކޮށްލަން ނިންމިއިރު އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާއި އޭގެ ނިސްބަތަށް ބަދަލެއް ނާންނައިރު، އޭނާގެ ބަންދަށް ލުއި ދޭން ނިންމި ސަބަބެއް އެނގެން ނެތް ކަމަށެވެ.

އެހެންވެ، ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރި އެވެ. އެހެން ނަމަވެސް ފަޒްލޫން އަލުން ބަންދުކުރާކަށް ހައި ކޯޓުން އަމުރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ހައި ކޯޓުން އެންގީ އޭނާ އަލުން ބަންދުކުރަން ދައުލަތުން ދަށު ކޯޓަށް ހުށަހަޅައިފި ނަމަ، އެ ހުކުމުގެ އުސޫލުތަކަށް ރިއާޔަތްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ.

ފަޒްލޫންގެ އިތުރުން ޝެއިހް އާދަމް ނިޝާން ވެސް އޭރު ހައްޔަރުކުރި އެވެ. އޭނާ ވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ޖުމްލަ 19 މީހަކު އޭރު ހައްޔަރުކުރި އެވެ. ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.