Roadha Mihaaru
ޔާމީންގެ ޝަރީއަތް: އަދީބާއި ޒިޔަތުގެ ހެކިބަސް މާދަމާ

ޔާމީނާ ދެކޮޅަށް ހުށަހެޅި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން މާދަމާ

05 ސެޕްޓެމްބަރ 2022

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގައި މިއަދު ކެންސަލްވި ޝަރީއަތް މާދަމާ ހެނދުނު 9:30 އަށް ތާވަލްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގައި މިއަދު ކެންސަލްވި ޝަރީއަތް މާދަމާ ހެނދުނު 9:30 އަށް ތާވަލްކޮށްފި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމަށް ފެން ވަދެ ސީލިންގުން ފެން ފައިބައިތީ މިއަދުގެ ޝަރީއަތް ކެންސަލްކުރުމަށް ފަހު ކޯޓުން ބުނީ މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ކަމަށެވެ.

އެންމެ ފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ދެން އޮންނާނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ކަމަށް އިއުލާނުކުރައްވައިފަ އެވެ.

އެއީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. ދައުވާ ލިބޭ ޔާމީނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ލިބޭ ޔާމީން އަދި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތުން ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން އެއް ދުވަހު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. އެހެންވެ ޝަރީއަތުން އެގޮތަށް ނިންމީ އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ޔާމީނާއި އަދީބާ ދެމެދު ދެެއްކެވިފައިވާ ފޯނު ކޯލްތަކެއްގެ ރިކޯޑިން ކޯޓު އަމުރެއްގެ ދަށުން ހޯދައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ އެވެ. އެ ރެކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުވިކަން ސާބިތުކުރަން ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ އަދީބުގެ ހެކިބަސް ނެގުމުގައި މި ފޯންކޯލްތަކާ ބެހޭ ގޮތުން ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ.