06 ސެޕްޓެމްބަރ 2022
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވި ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ހެކިބަސް ދީފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވި ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ހެކިބަސް ދީފި އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދެއްވި ކަމަށް ބުނެ އެވެ. އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން، ޒިޔަތު ވިދާޅުވި ގޮތުގައި އާރަށުގެ ކަންތަކުގައި ޔޫސުފް ނައީމް ކިޔާ މީހަކު ކޮމިއުނިކޭޓް ކުރާނެ ކަމަށާއި އަދި އެއީ ޔާމީން ވިދާޅުވެގެން ކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ކަމަށެވެ. އެހެންވެ، އެރަށުގެ އަގުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ފުރަތަމަ ކަނޑައެޅީ އަދީބާ މަޝްވަރާ ކުރުމަށްފަހު ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި އަގު ކުޑަކުރަން ޔާމީން އެންގެވި ކަމަށް އަދީބު ވިދާޅުވުމުން އެ ރަށުގެ އަގު ދެ މިލިއަން ޑޮލަރަށް ދަށްކުރި އެވެ.
"ތިން މިލިއަނަށް ކުޑަކޮށްފައި އަދި އެއަށްފަހު އެގްރިމެންޓް ސައިން ކުރުމުގެ ސްޓޭޖްގައި އަދިވެސް އެއަށް ވުރެ ކުޑަކޮށްފައި ދެ މިލިއަނަށް ރަށުގެ އަގު ނިންމުނީ،" ޒިޔަތު ވިދާޅުވި އެވެ.
"އަގު ކުޑަކުރެވުނީ ކީއްވެގެންތޯ،" ދައުލަތުން ސުވާލުކުރި އެވެ.
"އަދީބު ދެންނެވީ ރައީސް ޔާމީން އަންގައިގެން ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި އެރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެއްބަސްވުމުގައި ސޮއިކުރުމުން ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އެރަށް ލިބުނީ އޭނާގެ ހިއްސާ އޮތް ކުންފުންޏަކަށް ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"ޔޫސުފް ނައީމް ދެންނެވި މި އެގްރިމެންޓް ކަންތައް ނިންމާލެވުނީމަ ރައީސް ޔާމީން ހިތްހަމަޖެހޭނެ ކަމަށް. އެއީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެ ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.
ޔޫސުފް ނައީމް
ޔާމީންގެ ވަކީލުންގެ ސުވާލުތަކާ ގުޅިގެން ޒިޔަތު ވިދާޅުވީ ހެކިބަސް ދިނުމާ ބެހޭގޮތުން ދައުލަތާއި އޭނާއާ ދެމެދު އެއްބަސްވުމެއް ނެތް ކަމަށާއި ކުރިން އިއުތިރާފްގެ އެއްބަސްވުމެއް ހެދިޔަސް، މިހާރު އެ އެއްބަސްވުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުކުމެއް ތަންފީޒު ކުރަމުން ދިޔަޔަސް، އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ފަރާތުން ބޭނުންވީ އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ. އެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒް ކުރުމުން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އިއުތިރާޒް ބަލައިގަތުމަށެވެ.
ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ޒިޔަތަށް މިނިވަންވަންކަމާ އެކު ހެކިބަސް ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އޭނާއާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.
ޒިޔަތުގެ ހެކިބަސް ނެގުމުގެ ކުރިން، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވި ޒިޔަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށްފަހު އެ އެއްބަސްވުން ބާތިލް ކޮށްފައިވާ މީޑިއާއަކުން މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވުން ހެދުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގައި، ފައިސާ ދައުރުކޮށް ފަށަލަކޮށްފައިވާ ކަމަށް ދައުލަތުން ބުނާ ގޮތް.
— Mihaaru (@Mihaarunews) June 11, 2022
ތަފްސީލް: https://t.co/InH9GWOIRS pic.twitter.com/jbesYfsWaB
މީގެ އިތުރުން ޒިޔަތާއި އަދީބަކީ ޖަލު ހުކުމެއްގައި ތިއްބަސް، ގޭ ބަންދަށް ބަދަލު ކޮށްފައިވާ ބަޔަކަށް ވާތީ އެކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ. އަދި ގާނޫނުގެ ހުއްދަ ނުކުރާ މަންފާތަކެއް ދީގެން ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭނެ އިތުރު ހެއްކެއް ނެތީސް، އެ މީހުންގެ ހެކިބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެކަން ވަކީލުން ފާހަގަ ކުރެއްވި އެވެ. އަދި އެ މީހުންނަކީ އެއް ކުށެއްގެ ތުހުމަތު ކުރެވޭ ބައެއް ކަން ވެސް ވަކީލުން ފާހަގަ ކުރެއްވި އެވެ.
ޔާމީންގެ ވަކީލުންގެ ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ.
ދައުލަތުން ބުނިގޮތުގައި ޒިޔަތާ އެކު ހަދާފައިވާ އެއްބަސްވުމެއް މިހާރު ނެތް ކަމަށެވެ. އަދި މީޑިއާގައި ދައްކާ ވާހަކަތަކަށް ބިނާކޮށް ކޯޓުގެ ވަގުތު ބޭކާރު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ޖަލު ހުކުމަށްފަހު އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިބޭތީ އެކަމާ ގުޅިގެން ދައުލަތުން ބުނިގޮތުގައި ގާނޫނު ހުއްދަ ނުކުރާ ލުޔެއް އެ މީހުންނަށް ނުދޭ ކަމަށެވެ. އަދި ގޭ ބަންދުގައި ބައިތިއްބަނީ ޖަލުތަކާއި ޕެރޯލްގެ ދަށުން އެކަމާބެހޭ އިދާރާތަކުން ކަމަށް ދައުލަތުން ބުންޏެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވީ މީޑިއާގައި ދައްކާ ވާހަކަތަކަށް ކޯޓުން ނުބަލާނެ ކަމަށާއި ޝަރީއަތުން ބަލާނީ ގާނޫނުގައި އޮތްގޮތަށް ކަމަށެވެ. އަދި އިއުތިރާފްގެ އެއްބަސްވުން ކުރިން ވެސް އޮތް ކަމަށާއި އަދި އެ އެއްބަސްވުމަކީ ސައްހަ އެއްޗެއް ކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ މި މައްސަލާގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ އަދުލުވެރިކަމާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ މީހުންގެ އަދުލުވެރިކަމާ މެދު ގޮތެއް ނިންމާނީ ހެކިބަސް ނެގުމަށްފަހު ކަމަށެވެ. އަދީބުގެ ހެކިބަސް ނެގުމުގެ ބައި މިއަދު މެންދުރުފަހު ކުރިއަށް ގެންދާނެ އެވެ.
އާރަށް މައްސަލަ:ލެޕްޓޮޕް ބެލި މީހާގެ ހެކިބަސް ނަގައިފި
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު
ޔާމީންގެ ޝަރީއަތް މިފަހަރު ވެސް ލައިވްކުރަން ނިންމައިފި
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
އަދީބާއި ޒިޔަތުގެ ހެކިބަސް އިންސާފަށް މުހިންމު: ޕީޖީ