Roadha Mihaaru
އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޯމާ އަށް ހަނި މޮޅެއް

އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޯމާ އަށް ހަނި މޮޅެއް

15 އޯގަސްޓް 2022

ސެލާނޯ، އިޓަލީ (އޮގަސްޓް 15) - ގިނަ ޓްރާންސްފާތަކަކާ އެކު އާ ސީޒަނަށް ތައްޔާރުވި ހޯޒޭ މޮރީނިއޯގެ އޭއެސް ރޯމާ އިން ލީގުގައި ކުޅުނު ފުރަތަމަ މެޗު ސެލަނިޓާނާއާ ވާދަކޮށް 1-0 ގެ ހަނި ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެލާނޯ، އިޓަލީ (އޮގަސްޓް 15) - ގިނަ ޓްރާންސްފާތަކަކާ އެކު އާ ސީޒަނަށް ތައްޔާރުވި ހޯޒޭ މޮރީނިއޯގެ އޭއެސް ރޯމާ އިން ލީގުގައި ކުޅުނު ފުރަތަމަ މެޗު ސެލަނިޓާނާއާ ވާދަކޮށް 1-0 ގެ ހަނި ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.

ރޯމާގެ ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ޖަހައިދިނީ މިޑްފީލްޑަރު ބްރަޔާން ކްރިސްޓަންޓޭ އެވެ. އޭނާގެ ހަމަލާ ގޯލަށް ވަނީ އިދިކޮޅު ޑިފެންޑަރެއް ފައިގައި ޖެހި ކުޑަވަރެއްގެ ޑިފްލެކްޝަނަކާ ވެސް އެކު އެވެ.

އެޓީމުގެ ޒުވާން މިޑްފީލްޑަރު ނިކޯލޯ ޒަނިއޯލޯ އާއި އަލަށް ގެނައި ފޯވާޑް ޕައޮލޯ ޑިބާލާ އަށް ގިނަ ލަނޑުތަކެއް ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ރޯމާއަށް އިތުރު ގޯލެއް ނުޖެހުނެވެ.

ހިލޭ ޓްރާންސްފާގައި ރޯމާއަށް ބަދަލުވި ޑިބާލާ މި މެޗުގައި ސްޓާޓް ކުރި އިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވެގެން އެނބުރި ކޯޗު މޮރީނިއޯއާ ގުޅުނު މިޑްފީލްޑަރު ނިމަންޔާ މެޓިޗާއި، ޕީއެސްޖީ އިން ލޯނު އުސޫލުން ގެނައި މިޑްފީލްޑަރު ޖީޖީ ވައިނާލްޑަމް ވަނީ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ.

މިދިޔަ ސީޒަނުގައި ސެލަނިޓާނާ އަށް ބަދަލުވެ، މިހާރު އެ ޓީމުގެ ކެޕްޓަން ކަން ވެސް އަދާކުރާ ވިންގާ ފްރޭންކް ރިބެރީ ވެސް ވަނީ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ.

ރޯމާ އިން ލީޑު ނެގުމުގެ ކުރިން ޒަނިއޯލޯ އަށް ހުސްކޮށް ލިބުނު ތިން ފުރުސަތެއް ވަނީ ބޭކާރު ވެފަ އެވެ. ފުރަތަމަ ފުރުސަތެއްގައި އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު، ދެން ފޮނުވާލި ބޯޅަ، އިދިކޮޅު ގޯލްކީޕަރު ލުއިޖީ ސެޕޭ ވަނީ ދިފާއު ކޮށްފަ އެވެ. އަދި ޓެމީ އަބްރަހަމް އާއި ޑިބާލާ ހުސްކޮށްލާފައި ޒަނިއޯލޯ އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ވެސް ގޯލާ އަމާޒެއް ނުވި އެވެ.

ލީޑު ނެގުމަށް ފަހު ޑިބާލާ އަށް ވެސް ގޯލު ޖަހަން ހުސް ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހަމަލާ ފޮނުވާލުމުން ގޯލު ތިރީ ކަނާ ދިމާލުން ދަނޑީގައި ޖެހިފައި އައި ރީބައުންސް ބޯޅަ އަބްރަހަމް ފޮނުވާލުމުން ބްލޮކް ކުރީ އިދިކޮޅު ޑިފެންޑަރުންނެވެ. އޭގެ ފަހުން ލިއޮނާޑޯ ސްޕިނައްޒޯލާ މަތިން ދިން ބޯޅައެއް ހޯދައި ޑިބާލާ ފޮނުވާލުމުން ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އޭގެ ފަހުން ޒަނިއޯލޯ އާއި ފުލްބެކް ރިކް ކާސްޑޯޕް ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިދިޔަ ސީޒަނުގައި، މޮރީނިއޯ އާއެކު ރޯމާ ކުޅުނު ފުރަތަމަ ސީޒަން ނިންމާލީ ލީގުގެ ހަވަނައިގަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި މުޅިން އަލަށް ބާއްވަން ފެށީ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމާ އެކު މި ސީޒަނުގައި ރޯމާ އަށް ވަނީ ޔޫރޮޕާ ލީގުން ޖާގަ ލިބިފަ އެވެ.