Roadha Mihaaru
ޓެމީގެ ހަމައެކަނި ގޯލުން ރޯމާ އަށް މުހިއްމު މޮޅެއް

ޓެމީގެ ހަމައެކަނި ގޯލުން ރޯމާ އަށް މުހިއްމު މޮޅެއް

24 ސެޕްޓެމްބަރ 2021

ރޯމް (ސެޕްޓެމްބަރު 24) - ސެރީ އާ ގައި ރޭ 1-0 އިން އުދިނޭޒީ ބަލިކޮށް، ރޯމާއިން މުހިއްމު މޮޅެއް ހޯދައިފި އެވެ. މެޗުގައި ރޯމާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 36 ވަނަ މިނިޓުގައި ޖެހީ މި ސީޒަނުގައި އިނގިރޭސި ކްލަބް ޗެލްސީން އެ ޓީމަށް ގެންދިޔަ ފޯވާޑް ޓެމީ އަބްރަހަމެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ސެޕްޓެމްބަރު 24) - ސެރީ އާ ގައި ރޭ 1-0 އިން އުދިނޭޒީ ބަލިކޮށް، ރޯމާއިން މުހިއްމު މޮޅެއް ހޯދައިފި އެވެ. މެޗުގައި ރޯމާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 36 ވަނަ މިނިޓުގައި ޖެހީ މި ސީޒަނުގައި އިނގިރޭސި ކްލަބް ޗެލްސީން އެ ޓީމަށް ގެންދިޔަ ފޯވާޑް ޓެމީ އަބްރަހަމެވެ.

މި ގޯލާއެކު ޓެމީ އަބްރަހަމް ވެފައި ވަނީ 2004 ވަނަ އަހަރު ސެރީއާ ގެ ޕެރޫޖާ އަށް ކުޅުނު އިނގިރޭސި ވިލާތުގެ ޖޭ ބޮތްރޮއިޑް އަށް ފަހު، އިޓާލިއަން ލީގުގައި ހޯމް ގޯލެއް ޖެހި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރޯމާ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް ރޭގެ މޮޅާއެކު އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްފަ އެވެ. ލީގުގެ އެއްވަނައިގައި އޮތީ ފަސް މެޗު ވެސް ކާމިޔާބުކުރި ނަޕޯލީ އެވެ. ނަޕޯލީ ވަނީ ބުދަ ދުވަހުގެ ރޭ 4-0 އިން ސަމްޑޯރިއާ ބަލިކޮށްފަ އެވެ.

ރޯމާއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ލީގު ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތީ އިންޓަ މިލާނާއި އޭސީ މިލާނެވެ. މި ދެޓީމު ވެސް ލީގުގައި އަދި ބައްޔެއް ނުވެ އެވެ.

އިންޓަ އިން އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފިއޮރެންޓީނާއާ ވާދަކޮށް 3-1 އިން މޮޅުވިއިރު އޭސީމިލާނުން ވަނީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވެނީޒިއާ ބަލި ކޮށްފަ އެވެ.

ހޯސޭ މޮރީނިއޯ ރޯމާއާ ހަވާލުވެ ޓެމީ އަބްރަހަމް އެ ޓީމަށް ގެންދިޔައީ ޗެލްސީ އަށް 34 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. ޓެމީ ވަނީ މި ސީޒަނުގައި އެ ޓީމަށް މިހާތަނަށް ހަތް މެޗު ކުޅެ، ތިން ގޯލު ޖަހައިފަ އެވެ. ލީގުގައި ފަސް މެޗުން ދެ ގޯލު ޖެހި އެވެ.

ރޭގެ މެޗުން ރޯމާ މޮޅުވި ނަމަވެސް އެ ޓީމު މެޗު ނިންމައިލީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގެ 88 ވަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.