Roadha Mihaaru
ހުނޫ މިނިވަންކުރުމުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ހުނޫ މިނިވަންކުރުމުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި

16 އޯގަސްޓް 2022

އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ޑްރަގް ޓްރެފިކިންގެ ދައުވާ ލިބޭ، ޓިކްޓޮކުުން މަޝްހޫރުކަން ހޯދާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ޑްރަގް ޓްރެފިކިންގެ ދައުވާ ލިބޭ، ޓިކްޓޮކުުން މަޝްހޫރުކަން ހޯދާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ލ. މާވަށު ރެޑިއަމްގޭ ހުނޭސާ، މާޗް 29 ގައި ހުނޫ ހައްޔަރުކޮށް އެކި ފަހަރުމަތިން ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕީޖީ އޮފީހުން މެއި 29 ގައި އެދުމުން ކްރިމިނަލް ކޯޓުން ވަނީ 60 ދުވަސް ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑަޅަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އެކަމަކު މި އަމުރު މުރާޖައާކުރުމަށް ޖޫން 26 ގައި އެދުމުން ކޯޓުން ނިންމީ ހުނޫގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ، ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށެވެ.

މި ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފުކޮށް ހައި ކޯޓުގައި ބުނެފައިވަނީ ހުނޫގެ މައްޗަށް ކުރަނީ ޑްރަގް ޓްރެފިކިންގެ ތުހުމަތު ކަމަށް ވާތީ އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ. އަދި ހުނޫ ދޫކޮށްލަށް އަމުރުކުރީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުމާ ހިލާފަށް ކަމަށް ވެސް ބުންޏެވެ.

ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، ޝަރީއަތް ނިމެންދެން ހުނޫ ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް ދައުވާ ލިބޭ ފަރާތުން ބުނީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި ހުނޫއާ ދެކޮޅަށް ހަރުދަނާ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ.

ހައި ކޯޓުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ބައިވެރިވެރިވަޑައިގެންނެވި ބެންޗުން ނިންމީ ބާތިލްކޮށްދިނުމަށް ދައުލަތުން އެދުނު އަމުރުގެ ބާރު މިހާރު ކެނޑިފައި ވާތީ އާއި މިއީ މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ ބަންދާ މެދު ހައި ކޯޓުން ގޮތެއް ކަނޑަ ނޭޅުމަށެވެ. އެކަމަކު ބަންދުގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ ހައި ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށް އަލުން ގޮތެއް ކަނޑައަޅަން ފެންނަ ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

ހުނޫއާ އެކު މި މައްސަލާގައި އިތުރު ދެ މީހަކަށް ވެސް ދައުވާކުރެ އެވެ. އެއީ މއ. އުދުހޭކޮކާ ހުނައިން ބިން އަލީ އާއި ގއ. ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމެވެ. މި މައްސަލައިގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިނާއި 18 ގްރާމްގެ މެތު އަދި 139 ގްރާމް ކެނެބިސް އެވެ. ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ މާޗް 28 ގައި ހުނޫގެ މައްޗަށް ވަނީ އުފުލައިފަ އެވެ.