ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ އެކައުންޓުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގިކަން ސާބިތުވި މީހާ ފަސް އަހަރާއި ހަތް މަހަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
18 އޯގަސްޓް 2022
ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ އެކައުންޓުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގިކަން ސާބިތުވި މީހާ ފަސް އަހަރާއި ހަތް މަހަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝީޝާގެ ތިން ބެއިންގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން 18 މިލިއަން ރުފިޔާ 2011 ވަނަ އަހަރު ބަޔަކު ނެގީ ފޯޖް ކޮށްފައިވާ ލިޔުމެއް ބޭނުންކޮށްގެންނެވެ. އެއީ ރާއްޖޭގައި ބޭންކަކަށް އޮޅުވާލައިގެން އެހާ ބޮޑު އަދަދެއް ނެގި ފުރަތަމަ މައްސަލަ އެވެ.
އެ މައްސަލައިގައި މަކަރާއި ހީލަތުގެ ކުށް ދަށު ކޯޓުގައި ސާބިތު ނުވެ ސަލާމަތްވެފައި ވަނިކޮށް 11 އަހަރު ފަހުން ހައި ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ކުށް ސާބިތުވެފައިވަނީ ބ. ތުޅާދޫ، މާފަރިވާގޭ، އިބްރާހިމް ޝާހިދުގެ މައްޗަށެވެ. އޮޅުވާލައިގެން ނެގި ފައިސާ ޖަމާވެފައި ވަނީ އޭނާ އާއި އެހެން މީހެއްގެ ނަމުގައި އޮތް އެކައުންޓަކަށެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ ކުށުގެ ސަބަބުން ގެއްލުން ވެފައިވާ މިންވަރަށް ބެލުމަށް ފަހު އަދަބުގެ ތިން ދަރަޖަ މަތިކޮށް، ޝާހިދުގެ އަދަބު ފަސް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކުރީ އެވެ.
ޝާހިދުގެ އަދަބުގެ ތެރޭގައި ޖޫރިމަނާގެ އަދަބެއް ނުވަތަ ގޭ ބަންދުގެ އަދަބެއް ހިމަނަން އޭނާގެ ފަރާތުން އެދިފައިވާތީ އެކަމާ ބެހޭގޮތުން ހުކުމުގައި ވަނީ އަމިއްލަ ފަރުދުންތަކެއްގެ 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައެއްގައި، އަދަބުގެ ތެރޭގައި ޖޫރިމަނާއެއް ހިމެނުމަކީ "ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ" ކަމަށެވެ.
ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް
މީގެ އިތުރުން މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ މަކަރާއި ހީލަތުން ހޯދުމަކީ މުޖްތަމައަށް ނުރައްކާތެރި ކުށްތަކަކަށް ވާތީ މިފަދަ މައްސަލަތަކުގައި ގޭ ބަންދުގެ އަދަބެއް ނުހިމެނޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލަ ލަސްވެފައިވާތީ އަދަބު ލުއިކޮށްދޭން އެދުނަސް، އަދަބު ލުއި ކުރެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އޭނާ ފަސް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވެ އެވެ.
އެކަމަކު 2012 ވަނަ އަހަރު އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ފަސް މަސް ދުވަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުން އެ ބައި އުނިކުރަން ޖެހޭނެ އެވެ.
އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
ދައުލަތުން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި، އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ޝާހިދުގެ މައްޗަށް އަދަބު ކަނޑައަޅާ ނަމަ، އޭނާގެ އަދަބުގެ މުއްދަތު 25 އަހަރުގެ ޖަލު ހުކުމަކަށް އަންނާނެ އެވެ. އެއީ މަކަރާއި ހީލަތް ހެދި ފައިސާގެ އަދަދު 10،000ރ. އިން މަތިވާތީ އެވެ.
އެކަމަކު ގާނޫނު އަސާސީ ބުނާގޮތުން ފަހުން އަންނަ ގާނޫނުގެ ލުއި ދޭން ޖެހޭތީ ޝާހިދުގެ މައްޗަށް އަދަބު ކަނޑައެޅީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
އެ މައްސަލައަށްފަހު ޝާހިދު ރާއްޖެއިން ބޭރުގައި އުޅެނިކޮށް އޭނާ ހައްޔަރުކުރީ 2012 ވަނަ އަހަރު އިންޓަޕޯލް މެދުވެރިކޮށް ސްރީލަންކާއިންނެވެ. އެ މައްސަލާގައި އޭނާގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތެއް ނުވެ އެވެ.
ހީލަތުން ނެގި 18 މިލިއަން: އެކަކު ކުށްވެރިވެއްޖެ
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
18 މިލިއަންގެ ހީލަތް: ޖަލަށްލި މީހާ ސުޕްރީމްކޯޓަށް
ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލަ މާދަމާ ފަށަނީ
މަކަރާއި ހީލަތް ހެދި މީހާގެ އަދަބު އަނެއްކާ ބޮޑުވެއްޖެ
އެމްއެންބީސީގެ ފައިސާއަށް ޚިޔާނާތްވި މީހާ ސަލާމަތެއްނުވި
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ