Roadha Mihaaru
ޓީޗަރުންނަށްނުވާނަމަ އެވޯޑު ލިބޭވަރުމަދުވާނެ: މިނިސްޓަރު

މޮޅު ކުދިން ޓީޗަރުންނަށް ވޭ، ނޫނީ އެވޯޑް ލިބޭ ކުދިން މަދުވާނެ: މިނިސްޓަރު

24 އޯގަސްޓް 2022

މޮޅު، ތޫނުފިލި ކުދިން ޓީޗަރުންނަށް ވުމަށް އިލްތިމާސްކުރައްވައި، އެފަދަ ދަރިވަރުން ޓީވަރުންނަށް ނުވާ ނަމަ، އެވޯޑް ހަފްލާގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް މަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޮޅު، ތޫނުފިލި ކުދިން ޓީޗަރުންނަށް ވުމަށް އިލްތިމާސްކުރައްވައި، އެފަދަ ދަރިވަރުން ޓީވަރުންނަށް ނުވާ ނަމަ، އެވޯޑް ހަފްލާގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް މަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ހިތްވަރާއި މަސައްކަތް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެހިސާބަށް އެ ދަރިވަރުންނަށް ދެވުނީ ކޮވިޑްގެ އެންމެ އުނދަގޫ ދަނޑިވަޅު އެ ކުދިން ދެއްކި ހިތްވަރާއި ނުގުޑާ އަޒުމާއި ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ.

އެ ދަރިވަރުންނަށް އަދި އެ ނިމުނީ ތައުލީމީ އެންމެ ހަރުފަތެއް ކަމަށާއި އެ ކުދިންގެ ތައުލީމީ ހަޔާތް އަދި ފެށުނީ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް މި ސަރުކާރުން ވަރަށް ބޮޑަށް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތައް ގިރާކުރުމުގެ ވަރުގަދަ އަޒުމުގައި އެ ކުދިން ކުރިއަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތިޔަ ކުދިންނަކީ އިސްލާމް ދީނަށް ލޯބިކުރާ، ގާނޫނަށް ބޯލަނބާ، މިނިވަންކަމާ އެކު ވިސްނާ، ޝަހްސީ ސިފަތަކަށް އިހްތިރާމްކުރާ، އަމިއްލަ ކުރިއެރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، ވިސްނުންތެރިކަމާ އެކު މަސައްކަތްކުރާ ކުދިބަޔަކަށް ވުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ދަރިވަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތް އެންމެ ބޮޑު އެދިވަޑައިގަތުމަކީ ކާމިޔާބު ހާސިލުކުރި ކުދިންގެ ތެރެއިން ގިނަ ކުދިންތަކެއް ފަހުން އަންނާނެ ކުދިންނަށް ކިޔަވައިދޭނެ ބަޔަކަށް ވުމެވެ.

"އަޅުގަނޑު އެދެނީ ތިޔަ ކުދީންގެ ތެރެއިން، އެންމެ ތޫނުފިލި ކުދީން މުދައްރިސުންނަށް ވުމަށް. އަޅުގަނޑު މި އެދުން މި ހާމަކުރީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ، މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް މަދުވަމުންދާނެތީ. ޖަލްސާތައް ކުރުވަމުންދާނެތީ."

މިނިސްޓަރު ވިދާޅުވީ މޮޅެތި ދަރިވަރުން ޓީޗަރުންނަށް ނުވެ، ރަނގަޅު ދަރިވަރުންތަކެއް ނުއުފެއްދިއްޖެ ނަމަ، އެފަދަ ޖަލްސާތައް އުވިގެންދާނެ ކަމަށެވެ. އަދި އެ ޖަލްސާ އުވިގެން ދިއުމަށް ނޭދޭ ނަމަ، ތޫނުފިލި ކުދިން ޓީޗަރުންނަށް ވުމަށް ތަކުރާރުކޮށް އެެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ މީގެ 40 އަހަރުކުރިން ޓީޗަރުންނަކީ ރާއްޖޭގައި ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށާއި އަދި ރަނގަޅު މުސާރައެއް ވެސް ލިބޭ ވަޒީފާއެއް ކަމަށެވެ. ޓީޗަރުކަމުގެ ވަޒީފާއަކީ ސްކޫލު ނިންމާ މޮޅެތި ދަރިވަރުން އިހްތިޔާރުކުރި ވަޒީފާއެއް ކަމަށާއި އެ ހާލަތު ބަދަލުވީ އެހެން ދާއިރާތަކުގެ މުސާރަ، ޓީޗަރުންނަށް ވުރެ ބޮޑުވުމުން ކަމަށެވެ.

އެކަމަކު މި ސަރުކާރުން އެކަން އިސްލާހުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މޫނުމަތިން ހިތުންވުން ގެނުވި މުސާރަ ބޮޑު ކުރިއެރުމެއް އެ ދާއިރާއަށް ވެސް ގެނެސްފައިވާ ކަމަށެވެ.

ޓީޗަރުން ހަވާލުވެފައި ވަނީ ވަރަށް ބޮޑު ޒިންމާއަކާ ކަމަށާއި އެ ކުރަމުންދާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓީޗަރުގެ އަމަލުތައް އިހުލާސްތެރި ހަރަކާތްތަކުން ނަމޫނާ ދައްކާ ދަރިވަރުންގެ މައުސޫމުކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ކަމަށް ޓީޗަރުން ވުމަށް ވެސް އެދިވަޑައިގަތެވެ.

ދަށު ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުން އެއްކޮށްލައިގެން ފުރަތަމަ ފަހަރަށް އެވޯޑް ހަފްލާ ބާއްވަން ނިންމީ ދަށު ސާނަވީ ކުދިންނަށް މަތީ ސާނަވީ ކުދިންގެ ނަމޫނާ ދެއްކުމަށް ކަމަށާއި އެކަމުގެ ސަބަބުން ގަދައަށް މަސައްކަތް އާ ހިތްވަރާ ޖޯޝެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

އެގޮތަށް ޖަލްސާ ބޭއްވުމުގެ ސަބަބުން ދެ ލެވެލްއަށް ކިޔަވާ ކުދިން ހިމެނޭ ސްކޫލުތަކުގެ ބެލެނިވެރިންނާއި މަދަރުސާތަކުން ދަތުރުފަތުރުގެ ތަކުލީފާއި ހަރަދު ކުޑަވެ އެ ޖަލްސާ ބޭއްވުމަށް ކުރާ ހަރަދު ވެސް ކުޑަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.