Roadha Mihaaru
ގަދަ 10ގެ ރަސްމިއްޔާތު ކުޑަކޮށްލުމުން ޕެޓިޝަން ހަދަނީ

ގަދަ 10ގެ ރަސްމިއްޔާތު ކުޑަކޮށްލުމުން ދަރިވަރުން ހިތްހަމަނުޖެހިއްޖެ

30 ޖެނުއަރީ 2021

އެންމެ ފަހުން ރާއްޖޭގައި އޮތް އޯ ލެވެލް އާއި އޭ ލެވެލްގެ ހަމައެކަނި އެއް ވަނަ ދަރިވަރުންނަށް ރަސްމިއްޔާތެއް ބާއްވައި އިނާމު ދޭތީ، އެހެން ވަނަތައް ލިބުނު ބައެއް ކުދިން ހިތްހަމަނުޖެހި، އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުން ބަދަލުކުރަން ގޮވާލައި، ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެ ފަހުން ރާއްޖޭގައި އޮތް އޯ ލެވެލް އާއި އޭ ލެވެލްގެ ހަމައެކަނި އެއް ވަނަ ދަރިވަރުންނަށް ރަސްމިއްޔާތެއް ބާއްވައި އިނާމު ދޭތީ، އެހެން ވަނަތައް ލިބުނު ބައެއް ކުދިން ހިތްހަމަނުޖެހި، އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުން ބަދަލުކުރަން ގޮވާލައި، ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.

އޯ ލެވެލް އާއި އޭ ލެވެލްގެ ގަދަ 10 އަށް ކުރިން އިނާމު ދޭން ވަރަށް ބޮޑު ޖަލްސާއެއް ބާއްވަ އެވެ. އަދި އެއީ ގްރޭޑް 10 އާއި 12 ނިންމާ ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު އުއްމީދަކާ ގުޅިފައި ވެސް އޮންނަ ރަސްމިއްޔާތެކެވެ.

ނަމަވެސް ކޮވިޑް-19ގެ ނުރައްކާ ކުޑަނުވެ އަދިވެސް ދިގުދެމިގެންދާތީ ސަރުކާރުން ގެންދަނީ ބައެއް ރަސްމިއްޔާތުތައް ކުޑަކޮށް އަދި އަނެއް ބައި ރަސްމިއްޔާތުތައް ކެންސަލްކުރަމުންނެވެ. އެގޮތުން ގަދަ 10އަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވެސް ކުޑަކޮށްލީ އެވެ.

މިހާރު އިނާމު ދޭން ތައްޔާރުވަނީ 2019ގެ އޯ ލެވެލް އަދި އޭ ލެވެލްގެ ގަދަ 10ގެ ދަރިވަރުންނަށެވެ.

ކޮވިޑާ ގުޅިގެން މިދިއަ އަހަރު އެއިން އެއްވެސް އިމްތިހާނެއް ރާއްޖޭގައި ބާއްވާފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ސޮއިކުރައްވައި މިދިޔަ ބުދަދުވަހު ސްކޫލުތަކަށް ފޮނުއްވި ސިޓީއެއްގައި މި އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތް ވަނީ އަންގަވައިފަ އެވެ. އެގޮތުން ފެބްރުއަރީ 25 ގައި ތާޖުއްދީން ސްކޫލް ހޯލްގައި ބާއްވާ ރަސްމިއްޔާތުގައި އިނާމު ދޭނީ އޯ ލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައިވާ ގޮތުން ދެ ވަނައިން ފެށިގެން 10 ވަނައިގައި ހިމެނުނު ދަރިވަރުންނާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން އޮންނާނީ މާޗު 1، 2021 ގައި އޮންލައިންކޮށް ބާއްވާ ޖަލްސާއެއްގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އެ ނިންމުމާ މެދު ބައެއް ދަރިވަރުންނާއި ބެލެނިވެރިން ހިތްހަމައެއް ނުޖެހެ އެވެ. އެކަމާ ދެކޮޅަށް އޮންލައިންކޮށް ދަރިވަރުން ތައްޔާރުކުރާ ޕެޓިޝަނުގައި ބުނީ ގަދަ 10ގައި ހިމެނި ސްޓޭޖުން އެ އެވޯޑު ހޯދުމަކީ އެތައް ދަރިވަރުންގެ ހުވަފެނެއް ކަމަށެވެ. އެއީ ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އަންނާނެ "އެންމެ ފަހުރުވެރި ވަގުތުކަން" ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ޕެޓިޝަންގައި ބުނި ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން މިހާރު މި އޮތް ހާލަތު އެނގުނަސް، މިއަށް ވުރެ ރަނގަޅަށް އެކަން ކުރެވިދާނެ އެވެ. އެހެންކަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުމަކީ "އިންސާފުން ނިންމި ނިންމުމެއް ކަމަށް ގަބޫލެއް ނުކުރަން،" ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ޕެޓިޝަންގައި ދަރިވަރުން އެދެނީ ހުރިހާ ކުދިންނަށް ބައިވެރިވެވިގެން ރަސްމިއްޔާތެއް ބޭއްވޭނެ ފުރުސަތު ލިބެންދެން ފަސްކޮށްދިނުމަށެވެ.

"ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ ބުރަ މަސައްކަތް ފާހަގަކުރާ ރަސްމިއްޔާތަކަށް ވާތީ، އެ އެންމެންނަށް ބައިވެރިވެވޭނެ ގޮތެއް ހޯދައިދޭށެވެ،" ޕެޓިޝަނުގައި އެދިފައިވެ އެވެ.