Roadha Mihaaru
ޓޮޕް ޓެން ޖަލްސާ ބޭއްވުން ފަސްކޮށްފި

ޓޮޕް ޓެން ޖަލްސާ ބޭއްވުން ފަސްކޮށްފި

28 ފެބުރުއަރީ 2021

އެންމެ ފަހުން ރާއްޖޭގައި ބޭއްވި އޯ ލެވެލް އާއި އޭ ލެވެލްގެ ގަދަ 10 ޖަލްސާ ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެ ފަހުން ރާއްޖޭގައި ބޭއްވި އޯ ލެވެލް އާއި އޭ ލެވެލްގެ ގަދަ 10 ޖަލްސާ ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، އޯ ލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކުރީ ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތު ގޯސްވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ކޭސްތަކަށް އަންނަ ބަދަލުތައް ބަލައި ރޯދަ މަހުގެ ކުރިން ހަފުލާ ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދެ ވަނައިން ފެށިގެން 10 ވަނައިގައި ހިމެނުނު ދަރިވަރުންނާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދޭން ފުރަތަމަ ހަމަޖެއްސީ މާޗު 1، 2021 ގައި އޮންލައިންކޮށް ބާއްވާ ޖަލްސާއެއްގަ އެވެ.

މިހާރު އިނާމު ދޭން ތައްޔާރުވަނީ 2019 ގެ އޯ ލެވެލް އަދި އޭ ލެވެލްގެ ގަދަ 10ގެ ދަރިވަރުންނަށެވެ. ކޮވިޑާ ގުޅިގެން މިދިއަ އަހަރު އެއިން އެއްވެސް އިމްތިހާނެއް ރާއްޖޭގައި ބާއްވާފައެއް ނުވެ އެވެ.

އެ ހަފުލާ ފަސްކޮށްފައިވަނީ ބައެއް ދަރިވަރުންނަށް ރަސްމިއްޔާތެއްގައި އެވޯޑު ދޭން ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުން ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފައި ވަނިކޮށެވެ.

ދަރިވަރުން ތައްޔާރުކުރި ޕެޓިޝަނުގައި ބުނީ ގަދަ 10ގައި ހިމެނި ސްޓޭޖުން އެ އެވޯޑު ހޯދުމަކީ އެތައް ދަރިވަރުންގެ ހުވަފެނެއް ކަމަށެވެ. އެއީ ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އަންނާނެ "އެންމެ ފަހުރުވެރި ވަގުތުކަން" ވެސް މިދިޔަ މަހު ތައްޔާރުކުރި ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ޕެޓިޝަންގައި ދަރިވަރުން އެދެފައިވަނީ ހުރިހާ ކުދިންނަށް ބައިވެރިވެވިގެން ރަސްމިއްޔާތެއް ބޭއްވޭނެ ފުރުސަތު ލިބެންދެން ފަސްކޮށްދިނުމަށެވެ.