Roadha Mihaaru
ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާގެ ހާލަތު ދަށް:މަޖީދު

ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާ މީހުންގެ ހާލަތު ދަށް: މަޖީދު

08 އޮކްޓޯބަރ 2017

މިޔަންމާއިން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ހާލަތު، ދުލުން ބަޔާންކޮށްދެއްވޭ ވަރަށް ވުރެ ދަށް ކަމަށް، މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިޔަންމާއިން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ހާލަތު، ދުލުން ބަޔާންކޮށްދެއްވޭ ވަރަށް ވުރެ ދަށް ކަމަށް، މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް، އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސްއިން އެއްކުރި އެއް މިލިޔަން ރުފިޔާ ހަވާލުކުރަން، ބަންގްލަދޭޝްގައި ހުންނެވި މަޖީދު ވިދާޅުވީ ރެފިއުޖީން ތިބީ ކާއެއްޗެއް ލިބުން ވެސް އުނދަގޫ ހާލަތެއްގައި ކަމަށެވެ.

"މުޅި ދުވަހު އެއް ޓެންޓުން އަނެއް ޓެންޓަށް ހިނގައިގެން، އެ މީހުންނަށް ކުޑަ ހަނޑޫކޮޅެއް ލިބޭއިރު ހުންނަނީ އިރުއޮއްސިފައި. އޭތިކޮޅު ކައްކާލައިގެން ކުޑަކުދިންނަށް މި ކާންދެވެނީ ވެސް،" މަޖީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ސިފަކޮށްދެވޭ ވަރަށް ވުރެ އެ މީހުން ތިބި ހާލަތު ދެރަ."

ދިވެހިން ރޮހިންޖާގެ މުސްލިމުންނާ އެކުގައި ތިބިކަން އަންގައިދޭ ބޯޑަކާ އެކު އިސްލާމިކް ފައުންޑޭޝަންގެ ބައެއް އިސް ވެރިންނާއި ރޮހިންޖާގެ ބައެއް މީހުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: އިސްލާމިކް ފައުންޑޭޝަން

އޭނާ ވިދާޅުވީ ދެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި ތިބި ރޮހިންޖާ މުސްލިމުންގެ ޓެންޓުތަކުގެ މަތިން މިޔަންމާގެ ހެލިކޮޕްޓަރުތައް އުދުހޭތަން ފެންނަ ކަމަށެވެ. އެ މީހުންގެ ހަމަލާއެއް އަތުވެދާނެ ކަމަށް ހީކޮށް އިއްޔެ ވެސް ބައެއް ޓެންޓުތަކުން މީހުން ހުސްކުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުގައި ތިބޭއިރު ފެނޭ، ބޯޑަރުގެ މިޔަންމާއާ ވީ ފަޅި [ރޮހިންޖާ މުސްލިމުން ތިބޭ އަވަށް] އަނދާތަން. އިއްޔެ ހަމަ ނޫސްތަކުން ފެނުނު އިތުރު 10،000 މީހުން އެ އަވަށުން ބަންގްލަދޭޝްއަށް އެތެރެވި ކަމަށް،" މަޖީދު ވިދާޅުވި އެވެ.

އިސްލާމިކް ފައުންޑޭޝަނުން ވަނީ އިސްލާމީ ޖަމާއަތެއް ކަމަށް ވާ އިސްލާމިކް ރިލީފް ވޯލްޑްވައިޑްއާ ހަވާލުކޮށްގެން ރޮހިންޖާގެ މުސްލިމުންނަށް އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން ހަތަރު ދުވަސް މަތިން ޓެންޓުތަކަށް ވަދެ، ވަކިވަކިން މީހުންނަށް ފައިސާ އާއި އަންނައުނާއި ލުއި ކާނާ ވެސް ދިވެހި ވަފުދުން ހަދިޔާކުރި އެވެ.

މަޖީދު ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައި ތިބޭ ބައެއްގެ ފަަރާތުން ފެނިވަޑައިގެންފާނެ ކަމަށް ކުރިން ހީކުރެއްވި ފަދަ ކަމެއް ފެނިވަޑައެއް ނުގަންނަވަ އެވެ.

"ފަހަތުން ހިނގައި ސަލާން ޖަހައިނުހަދާ،" މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޮހިންޖާ މުސްލިމުންގެ ފަރާތުން ފެނުނީ ރީތި އަހުލާގެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވާން އިސްލާމިކް ފައުންޑޭޝަނުން އެއްކުރި އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ، އެ ފައުންޑޭޝަނުން އިސްލާމިކް ރިލީފް ވޯލްޑްވައިޑާ ހަވާލުކުރަނީ

ރޮހިންޖާގެ މުސްލިމުންނަށް އެހީވާން އިސްލާމިކް ފައުންޑޭޝަނުން އެއްކުރި އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ، އެ ފައުންޑޭޝަނުން އިސްލާމިކް ރިލީފް ވޯލްޑްވައިޑާ ހަވާލުކުރަނީ

މަޖީދު ވިދާޅުވީ މިޔަންމާ ވަށައިގެންނާއި ކައިރީގައި ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތައް އޮތް އިރު އެ މީހުންގެ އެއްވެސް އެހީތެރިކަމަކާއި އެއްބާރުލުމެއް ރޮހިންޖާގެ މުސްލިމުންނަށް ނުލިބޭ ކަމަށެވެ.

ރޮހިންޖާގެ މިލިޔަނެއްހާ މުސްލިމުން ހާލުގައި ޖެހިފައިވާއިރު، ވަކިވަކި ފަރުދުންނަށް ބަދަލުކުރެވޭ ވަރަށް ވުރެ އެ މީހުންގެ ހާލަތު ދަށް ކަމަށް މަޖީދު ވިދާޅުވި އެވެ.

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ރޮހިންޖާގެ މުސްލިމުންނަށް އެއް މިލިޔަން ރުފިޔާ ހަދިޔާ ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ފައުޒީ އާއި ސެކެޓަރީ ޖެނެރަލް އިބްރާހިމް ނާޒިމް އަދި މަޖީދެވެ.

ސޯމާލިޔާއަށް 2011 ގައި ދިމާވި ބަނޑުހައިހޫނުކަމުގެ ކާރިސާގައި ވެސް އެ ފައުންޑޭޝަނުން ދިން ފައިސާގެ އެހީ ހަވާލުކުރީ އިސްލާމިކް ރިލީފް ވޯލްޑްވައިޑާ އެވެ.