ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާއިރު، އެ އިންތިޚާބަށް ޕީޕީއެމަށް ތައްޔާރު ވެވޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
04 ޖެނުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާއިރު، އެ އިންތިޚާބަށް ޕީޕީއެމަށް ތައްޔާރު ވެވޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައިވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ޕާޓީތަކަށް އެންގީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް މަހު ބާއްވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވާނެ ސީދާ ދުވަހެއް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ރައީސް ޔާމީން ފެކްޝަނުން ޕީޕީއެމަށް އައްޔަންކުރި ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް "މިހާރު" އަށް ވިދާޅުވީ އޭޕްރީލް މަހު އިންތިޚާބު ބާއްވާއިރު، އޭގެ ކުރިން ލިބޭ މުއްދަތަކީ އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ އެ މުއްދަތުގެ ތެރޭގައި ތައްޔާރު ވެވޭނެ ކަމަށް،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިިދާޅުވި ގޮތުގައި ޕީޕީއެމް ދެބައިވުމުގެ ސަބަބުން ގެއްލުނު ޕާޓީގެ ދަފްތަރު އަދިވެސް ނުލިބެ އެވެ. އެކަމަކު އެކި ގޮތްގޮތުން މައުލޫމާތު ހޯދައިގެން ދަފްތަރު އެކުލަވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އެގޮތުން އަތޮޅު ތެރޭގައި ހުންނަ ޕާޓީގެ ގޮފިތަކާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މެމްބަރުންގެ މައުލޫމާތު އެއްކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ބާއްވައި، ކެންޑިޑޭޓުން ނެރެވޭ ފަދަ މެމްބަރުންގެ ވަރުގަދަ ދަފްތަރެއް އަޅުގަނޑުމެންނަށް އެކުލަވާލެވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޚަލީލް ވިދާޅުވި އެވެ.
އިންތިޚާބުގެ ތާރީޚު އިއުލާން ނުކޮށްގެން، އިދިކޮޅު ޕާޓީތަކުން ޝަކުވާ ކުރަމުން ދަނިކޮށް އިންތިޚާބު އޭޕްރީލް މަހު ބާއްވާނެކަން ކޮމިޝަނުން މިއަދު އިއުލާންކުރީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރާނީ ސިވިލް ކޯޓުގެ ހުކުމުގައި ހުރި ސާފުނުވާ ބައެއް ކަންކަން ސާފު ކުރުމަށް ފަހު ކަމަށް ކޮމިޝަނުން ބުނުމަށް ފަހު އެވެ.
ހުކުމުގައި ހުރި ސާފުނުވާ ކަންކަން ސާފުކުރަން ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ވަނީ ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ.
އީސީގެ ނިންމުންތަކާ ގުޅިގެން ޕީޕީއެމް ހިތްހަމަނުޖެހިއްޖެ
ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާ: ޝަރީފް
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން
ޕީޕީއެމްގެ ބޮޑު ޖަލްސާ ފަސްކޮށްފި
އިންތިހާބުގެ ކުރިން ކައުންސިލަރުންގެ ޝަރުތު ބަދަލުކުރަނީ
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަނީ
"މިނިވަން އިންތިހާބެއް ނުބޭއްވޭ ނަމަ އިސްތިއުފާދީ"
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
"600 ކެންޑިޑޭޓުން ނެރޭނެ، ޕްރައިމަރީ މި މަހު"