Roadha Mihaaru
ކޮމަންވެލްތު ގޭމްސްގެ ސްކޮޑްގައި ސާއިދާއި ހިމްނާ

ސާއިދާއި ހިމްނާ ހިމަނައިގެން ކޮމަންވެލްތު ގޭމްސްގެ ސްކޮޑް އެކުލަވައިލައިފި

01 މާޗް 2022

ކޮމަންވެލްތު ގޭމްސް އަށް ހާއްސަކޮށް ރާއްޖޭގެ އެންމެ ބާރު ދެ ދުވުންތެރިން ކަމަށްވާ، ހަސަން ސާއީދު އާއި އައިޝަތު ހިމްނާ ހަސަން ހިމޭނޭ ގޮތަށް 12 ދުވުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިފި އެވެ.

ކޮމަންވެލްތު ގޭމްސް އަށް ހާއްސަކޮށް ރާއްޖޭގެ އެންމެ ބާރު ދެ ދުވުންތެރިން ކަމަށްވާ، ހަސަން ސާއީދު އާއި އައިޝަތު ހިމްނާ ހަސަން ހިމޭނޭ ގޮތަށް 12 ދުވުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިފި އެވެ.

ޖުލައި 28 އިން އޯގަސްޓް 8 ގެ ނިޔަލަށް ބާއްވާ ކޮމަންވެލްތު ގޭމްސް މި އަހަރު އޮންނާނީ އިނގިރޭސި ވިލާތުގެ ބާމިންހަމްގަ އެވެ. މިއީ 2020 ގައި ރާއްޖެ ދެވަނަ ފަހަރަށް ކޮމަންވެލްތާ ގުޅުނު ފަހުން ކޮމަންވެލްތުގެ ކުޅިވަރު އިވެންޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އެ ގޭމްސް އަށް ހާއްސަކޮށް 12 ދުވުންތެރިން ހޮވީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި ޓައިމް ޓްރެއަލްގެ ތެރެއިންނެވެ. މާލެ އާއި އަތޮޅުތެރޭގައި ބޭއްވި ޓްރެއަލްތަކުން ދުވުންތެރިން ވަނީ ނަގައިފަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުގައި ތަމްރީން ހަދަމުން އަންނަ ދުވުންތެރިން ވެސް ޓައިމް ޓްރެއަލްގައި ވާދަކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންގެ މަގާމު ހޯދި ސާއިދު އާއި ހިމްނާގެ އިތުރުން ދެން މި ސްކޮޑްގައި ހިމެނޭ ފާހަގަ ކުރެވޭ ދުވުންތެރިންނަކީ ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އިބާދުﷲ އާދަމް އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ގޭމްސް އަށް ވަގުތު ކުޑަތަންވުމުން މި 12 ދުވުންތެރިންގެ ސްކޮޑުން ގޭމްސް އަށް ދާ ދުވުންތެރިން ފައިނަލް ކުރާނެ ކަމަށެވެ.

"މާޗް މަސް ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ އެތުލެޓިކްސް އިން ރާއްޖެ އަށް ފުރުސަތު ލިބޭނީ ކިތައް ޖަގައަށްކަން،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވި އެވެ.

ގޭމްސް އަށް އެކުލަވާލި ސްކޮޑްގައި ގިނައީ އަންހެން ދުވުންތެރިންނެވެ. އަންހެން ހަތް ދުވުންތެރިން ސްކޮޑްގައި ހިމެނޭއިރު ފިރިހެން ފަސް ދުވުންތެރިންނަށް ވަނީ ޖާގަ ދީފަ އެވެ.

ކޮމަންވެލްތު ގޭމްސް އަށް ނެގި ދުވުންތެރިން

އަންހެން: މަރްޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، ސަރާ މަސްއޫދު، އައިޝަތު ޝަބާ ސަލީމް، މަރްޔަމް އަލްހާ ހުސައިން، އައިޝަތު ލަޔާނާ މުހައްމަދު، ރިފާ މުހައްމަދު،

ފިރިހެން: ހަސަން ސާއިދު، އިބާދުﷲ އާދަމް، އަހްމަދު ވިސާމް، ހުސައިން ރިޒާ، އިބްރާހިމް ނާހިލް ނިޒާރު