Roadha Mihaaru
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި

ދެ ހަފްތާއިން ހިމްނާ 400 މީޓަރު ގައުމީ ރެކޯޑް ދެވަނަ ފަހަރަށް ހަދައިފި

27 ޖޫން 2023

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން، މި މަހު ދެވަނަ ފަހަރަށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން، މި މަހު ދެވަނަ ފަހަރަށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.

މިދިޔަ އަހަރު ގައުމީ ޓައިމް ޓްރަޔަލްގައި ވާދަކޮށް 57.56 ސިކުންތުން ނިންމައިގެން 400 މީޓަރު ގައުމީ ރެކޯޑް އާކުރި ހިމްނާ ވަނީ މީގެ ކުރިން 2018، 2019 އަދި 2021 ވަނަ އަހަރު ވެސް ގައުމީ ޜެކޯޑް އާކޮށްފަ އެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ފަރާތުން މިދިޔަ އަހަރު ދިން ޕެރިސް އޮލިމްޕިކްސް 2024 ސްކޮލާޝިޕްގައި މިހާރު ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ ހިމްނާ، މިއަހަރު އެންމެ ފުރަތަމަ 400 މީޓަރު ދުވުމުން ރެކޯޑް އާކުރީ މި މަހުގެ 17 ވަަ ދުވަހު ޖަމައިކާގައި އޮތް ޖާ ބުދަޕެސްޓް ކުއެސްޓް 2023ގެ ސީރީޒް 2 ގައި ވާދަކޮށް 56.86 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އޭގެ ހަފްތާއެއް ފަހުން، މިމަހުގެ 24 ވަނަ ދުވަހު ހިމްނާ ރެކޯޑް އާކުރީ ޖެމެއިކާގައި އޮތް ޖާ އޯލް ކޮމާސް މީޓްގެ ފަސްވަނަ ސީރީޒްގައި ވާދަކޮށް 56.24 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ހިމްނާ އަށް މިއަހަރު އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލައިލާއިރު، އެންމެ އަވަހަށް އޮތީ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. ޖެހިގެން އަންނަ މަހު ޗައިނާގެ ހަންގްޒޫގައި އޮންނަ އޭޝިއަން ގޭމްސްގައި ވެސް ހިމްނާ، ރާއްޖެ ތަމްސީލު ކުރާނެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ހިމްނާ ވަނީ މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ރާއްޖޭގެ 21 އަހަރުވީ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އޭގެ ހަފްތާއެއް ފަހުން ތުރުކީގެ ކޮންޏާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް، ހަ އަހަރު ވެފައިވާ 200 މީޓަރު ރެކޯޑް ވެސް އޭނާ މުގުރާލި އެވެ.