Roadha Mihaaru
ދައުލަތުން އެދިގެން މަހްލޫފުގެ ޝަރީއަތް ކެންސަލްކޮށްފި

މަހްލޫފް މ. އަތޮޅުގައި ހުންނެވުމުން، ދައުލަތުން އެދިގެން ޝަރީއަތް ކެންސަލްކޮށްފި

28 އޯގަސްޓް 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.

މަހްލޫފް މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މަހުލޫފު މި ވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މ. އަތޮޅުގަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލް އަމާން މުހައްމަދު ނަޖީބު "މިހާރު" އަށް ވިދާޅުވީ މަހްލޫފްގެ މައްސަލައިގެ އަޑުއެހެން ކެންސަލްކުރުމަށް ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އެ ސިޓީ ބުރާސްފަތި ދުވަހު ފޮނުވާފައި އޮތުމުން އިއްޔެ އާންމުކުރި ތަވާލު މިއަދު އަލުން އިސްލާހުކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު ނުވައެއް ޖަހާއިރަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމީ ވެސް އޮންލައިންކޮށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމިއިރު، މަހްލޫފް މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ އެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެއީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.

ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ހުކުމްކުރި އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާ އަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަކުރެއްވީ އެއީ ރިޝްވަތުގެ ފައިސާކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާ އަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.

މި އަހަރު ފެބްރުއަރީ މަހުގައި އެ މައްސަލައިގެ ޝަރީއަތް ފެށިއިރު، މަހުލޫފް އަންނަނީ އެ ދައުވާ އަށް އިންކާރުކުރައްވަމުންނެވެ.