Roadha Mihaaru
ހުއްދަ ނެތި ބިމުން ފެން ނަގާ ނަމަ ބޮޑު ޖޫރިމަނާއެއް

ހުއްދަ ނުނަގައި ބިމުން ފެން ނަގައިގެން، ފެން ހިންދާ ނަމަ ދުވާލަކު 40،000ރ. ގެ ޖޫރިމަނާއެއް

29 އޯގަސްޓް 2022

އިމާރާތް ކުރުމަށާއި ސިނާއީ އެހެން މަސައްކަތްތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި، އެ ފެން ބޭރުކުރާ ނަމަ ކޮންމެ ދުވަހަކު 40،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިމާރާތް ކުރުމަށާއި ސިނާއީ އެހެން މަސައްކަތްތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި، އެ ފެން ބޭރުކުރާ ނަމަ ކޮންމެ ދުވަހަކު 40،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ ގަވާއިދަށް އެންވަޔަރުމެންޓް މިނިސްޓްރީން ގެނައި އިސްލާހުގައި ބުނީ، ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ބޭރުކޮށްފި ނަމަ، އެ މަސައްކަތްކުރި ކޮންމެ ދުވަހަކަށް 40،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޖޫރިމަނާގެ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާ އެވެ.

އެ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ގަވާއިދުގައި ވެ އެވެ.

ގަވާއިދުގައި ބުނީ އެއްވެސް ފަރާތަކުން ހުއްދަ ނެގުމަކާ ނުލައި ބިމުން ފެން ނަގައިގެން ބޭރުކުރުމަށް ފަހު، ހުއްދަ އަށް އެދި ހުށަހަޅައިފި ނަމަ ހުއްދަ ދޭނީ ހުއްދަ ނެގުމަކާ ނުލައި ފެން ނެގި މުއްދަތަކަށްވާ ޖޫރިމަނާ އެ އޮތީރިޓީ އަށް ދެއްކުމުން ކަމަށެވެ. އަދި ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅާ ނަމަ، އެ މުއްދަތު ވެސް އިތުރުކޮށްދޭނީ ބިމުން ފެން ނަގައި، ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް އޮތް ނަމަ އެ ޖޫރިމަނާ ވެސް ދެއްކުމުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައިވެ އެވެ.