Roadha Mihaaru
"މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓުކޮށްފި، ކާމިޔާބު"

މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓްކޮށްފި، ވަރަށް ކާމިޔާބު: މިނިސްޓަރު

05 ޖެނުއަރީ 2017

ކާރު ޕާކް ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް އިއްޔެ ޓެސްޓުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކާރު ޕާކް ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް އިއްޔެ ޓެސްޓުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ބެހެއްޓި ފުރަތަމަ އޮޓޮމޭޓަޑް ޕާކިން ސިސްޓަމް ޓެސްޓުކުރީ 10 ކާރާ އެކު ކަމަށެވެ. އެ ސިސްޓަމް ވަރަށް ކާމިޔާބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ސިސްޓަމް ބޭނުންކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.

މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޕާކިން ސިސްޓަމް ޓެސްޓުކުރުމަށް ފަހު، ފީ ދައްކާނެ ގޮތުގެ އިލެކްޓްރޯނިކް ނިޒާމް އޭގައި ގާއިމްކުރާނެ އެވެ. ޕާކިން ސިސްޓަމްތަކުން ފީ ނަގާނެ އުސޫލް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށާއި ހިލޭ ޕާކުކުރެވޭނެ ވަގުތުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓުކުރުމާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއް.

ކާރު ޕާކުކުރާ ދެ ވަނަ ސިސްޓަމް ބަހައްޓަން ނިންމާފައި ވަނީ އައިޖީއެމްއެޗްގެ ސަރަހައްދުގަ އެވެ.

"ޕާކިން ސިސްޓަމްތައް ބަހައްޓާނީ ކާރުބާރުބޮޑު، ރައްޔިތުން ހިދުމަތް ހޯދަންދާ ދިމަދިމާތަކުގައި. އޭގެ ތެރޭގައި ބޭންކްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނަށް ވިސްނައިގެން ބަހައްޓާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކާރު ޕާކުކުރާނެ 10 ސިސްޓަމާއި ސައިކަލް ޕާކުކުރާނެ 10 ސިސްޓަމް ގެނައުމަށް އެސްޓީއޯއާ ވަނީ ހަވާލުކޮށްފަ އެވެ. ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކުކުރެވޭއިރު ކޮންމެ ސައިކަލް ސިސްޓަމެއްގައި 100 ސައިކަލް ޕާކުކުރެވޭނެ އެވެ.

މިނިސްޓްރީން ކުރިން ބުނެފައި ވަނީ މެދުނުކެނޑި ކޮންމެ މަހަކު އެކަތި ނޫނީ ދެ ސިސްޓަމް ގެނެސް، އަންނަ އަހަރުގެ މާޗް މަސް ނިމެންވާ އިރަށް ހުރިހާ ސިސްޓަމްތަކެއް އިންސްޓޯލްކޮށް ނިމޭނެ އެވެ.