Roadha Mihaaru
ސައިކަލު ޕާކިން ސިސްޓަމް ބަހައްޓަނީ

ސައިކަލު ޕާކު ކުރާ މެކޭނިކަލް ޕާކިން ސިސްޓަމެއް ބަހައްޓަނީ

03 އޯގަސްޓް 2017

ސައިކަލު ޕާކު ކުރުމަށް މާލޭގައި ފުރަތަމަ ފަހަރަށް، މެކޭނިކަލް ޕާކިން ސިސްޓަމެއް މިއަދު ބަހައްޓަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސައިކަލު ޕާކު ކުރުމަށް މާލޭގައި ފުރަތަމަ ފަހަރަށް، މެކޭނިކަލް ޕާކިން ސިސްޓަމެއް މިއަދު ބަހައްޓަން ފަށައިފި އެވެ.

މަޖީދީމަގު، ހީނާމާގެ ކައިރީގައި ބަހައްޓާ އެ ސިސްޓަމްގައި ފަހަރަކު 100 ސައިކަލު ޕާކު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި ސިސްޓަމް 25 ދުވަހުގެ ތެރޭގައި އިންސްޓޯލްކޮށް ނިމޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ބެހެއްޓި އެންމެ ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމުކޮށްފައިވަނީ، ކާރަށް ޕާކު ކުރެވޭ ގޮތަށް ވެލާނާގެ ކައިރީގަ އެވެ. މިދިޔަ ޖުލައި މަހު ބެހެއްޓި، އެ ސިސްޓަމްގައި ދިހަ ކާރަށް އެއްފަހަރާ ޕާކު ކުރެވެ އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް، އުޅަނދުތައް ފަސޭހައިން ޕާކު ކުރެވޭނެ ގޮތް ހެދުމަށް އިތުރު ތަންތަނުގައި ވެސް އެ ފަދަ ޕާކިން ސިސްޓަމް ގާއިމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

އެގޮތުން ހީނާމާގެ ކައިރީގެ އިތުރުން، ގާކޮށި ފްލެޓް އިމާރާތާ ޖެހިގެން އޮންނަ ބިމާއި އައިޖީއެމްއެޗު ކައިރީގައި ވެސް ޕާކިން ސިސްޓަމް ބަހައްޓާނެ ކަމަށް އެތަނުން ބުންޏެވެ. އެތަންތަނުގައި ވެސް ބަހައްޓަނީ ކާރާއި ސައިކަލަށް ޕާކު ކުރެވޭ މެކޭނިކަލް ސިސްޓަމްތަކެވެ.

މި ސިސްޓަމްތަކުގައި އުޅަނދު ޕާކު ކުރެވެނީ ފީއެއް ދެއްކުމަށް ފަހު އެވެ.