Roadha Mihaaru
ބޮޑު ދިރާސާގައި ފުރަތަމަ ކަނޑަށް ފައިބަނީ އަންހެނުން

ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގައި ފުރަތަމަ ކަނޑަށް ފައިބަނީ އަންހެނުންގެ ޓީމެއް!

30 އޯގަސްޓް 2022

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާ ހެދުމަށް އެންމެ ފުރަތަމަ ކަނޑަށް ފައިބާ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމުގައި ހިމެނެނީ ހުސް އަންހެނުން ކަމަށް އެ ދިރާސާ ކުރާ ފަރާތުން މިއަދު ބުނެފި އެވެ. އެއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާ ހެދުމަށް އެންމެ ފުރަތަމަ ކަނޑަށް ފައިބާ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމުގައި ހިމެނެނީ ހުސް އަންހެނުން ކަމަށް އެ ދިރާސާ ކުރާ ފަރާތުން މިއަދު ބުނެފި އެވެ. އެއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ރައީސް އޮފީހާއި އެ ދިރާސާ ކުރަން ހަވާލުކޮށްފައިވާ އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، 10 ސައިންސްވެރިން ހިމެނޭ ބައިނަލްއަގުވާމީ ޓީމަކާ އެކު ރާއްޖޭގެ ފުން ކަނޑުތައް ދިރާސާކުރުމަށް ހަމަޖެހިފައިވާ "ނެކްޓަން މިޝަން"ގައި އެންމެ ފުރަތަމަ ކަނޑަށް ފައިބާ ޓީމުގައި ހިމެނޭނީ ދިވެހި ދެ އަންހެނުންނާއި ބިދޭސީ އަންހެނެކެވެ.

އެ މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓީމުގައި އިސްކޮށް އުޅުއްވާނީ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާއާ އެކު ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓެއް ކަމަށްވާ ފަރާހް އަމްޖަދު ބައިވެރިވާނެ އެވެ. އެ ދެ ބޭފުޅުންނާ އެކު އެ މިޝަންގައި ދެން ބައިވެރިވާނީ ސަބްމާސިބަލްގެ ޕައިލަޓް، ކިމްލީ ޑޯ އެވެ.

އަންނަ މަހުގެ ހަތަރެއްގައި ފަށާ އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާނެ އެވެ. އެ ދިރާސާގެ މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ކުރިން ނޭނގޭ އެތައް ކަމެއް އެނގޭ: ދިވެހި ދިރާސާވެރިން

ކަނޑުގައި އުޅޭ ދިރުންތަކާ ބެހޭ ގޮތުން ދިރާސާކުރައްވާ ޝާފިޔާ ވިދާޅުވީ، އެ ސަބްމާސިބަލް ޑައިވްތަކުގެ ބޭނުމަކީ ކަނޑުގައިވާ ދިރުންތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުން ކަމަށާއި އެ މައުލޫމާތުގެ އަލީގައި ރާއްޖޭގެ ވެއްޓާއި އޭގައިވާ ދިރުންތައް ފުރިހަމަ ގޮތުގައި ހިމާޔަތްކުރަން ކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރު މަޑި، ފުޑްޗެއިންގެ އެންމެ މަތީގައި އެބަ އުޅޭ. މި މިޝަންއާ އެކު ފުރަތަމަ ފަހަރަށް ފުނުގައި މި ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ. މިއީ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހޯދިގެންދާނެ ވަރަށް މުހިންމު މައުލޫމާތެއް،" އޭނާ ވިދާޅުވި އެވެ.

ކަނޑު އަޑީގެ ދިރާސާކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް -- ފޮޓޯ: ނެކްޓަން

ކަނޑު އަޑީގެ ދިރާސާކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް -- ފޮޓޯ: ނެކްޓަން

އެ ނޫސްބަޔާނުގައި ބުނީ، މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރު އަޑިން ފެންނާނެ ކަމަށް އެ މިޝަންގެ ސައިންސްވެރިން ލަފާކުރައްވާ ކަމަށެވެ. އޭގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެ އެއްޗެހި ހޭނެމުންދާ ގޮތް ވެސް ދިރާސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ފަރުތައް ރިހެބިލިޓޭޓްކުރުމާއި ފުން ކަނޑުގެ ބަޔޯޑައިވާސިޓީގެ ދާއިރާއިން ދިރާސާކުރައްވާ ފަރާހް ވިދާޅުވީ، ބޭރު ފެންނަ ގޮތަށް ހަދާފައިވާ ސަބްމާސިބަލްގެ (ކަނޑުގެ ދިރާސާތައް ކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް) ޕްރެޝާ ސްފިއާ އިން ކަނޑުގެ ދިރުންތައް އޮބްޒާވްކުރަން ވަރަށް ފަސޭހަވާނެ ކަމަށާއި ފުރިހަމަ އޮބްޒަވޭޝަނެއް ކުރެވުމަކީ ސައިންޓިފިކް ދިރާސާއެއްގެ އެންމެ މުހިންމު އަސާސް ކަމަށެވެ.

"މި މިޝަންގައި ބޭނުންކުރާ އެންމެ ފަހުގެ ސާމްޕްލިންގް ޓެކްނޮލޮޖީ އާއި ޑަޒަނެއްހާ ކެމެރާގެ ސަބަބުން ރާއްޖޭގައި ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ އެތައް ތަނެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެ ދިރާސާގެ ޓީމުގައި އުޅުއްވާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލޫސީ ވުޑާލް ވިދާޅުވި ގޮތުގައި އެ މަސައްކަތް އެންމެ ހާއްސަވާ ސަބަބަކަށް ވާނީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1،000 މީޓަރު އަޑި އަށް ފީނައި، އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރެވިގެން ދިއުން ކަމަށެވެ.

"މި ފަރުބަދަތައް ކައިރީގައި ވަރުގަދަ އޮއިވަރު ހުންނާނެ ކަމަށް ބެލެވޭ، އަދި އޮޔާ ހެދި ޑައިވްކުރަން އުނދަގޫވުން ވެސް އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި 1،000 މީޓަރަށް ވުރެން އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައި ވަނީ އަދި ހަމައެކަނި 300 ފަރުބަދައިން ކަމަށް އެ ބަޔާނުގައި ބުންޏެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް ހުންނަ 34 ފަރުބަދަ ހުންނަ ކަމަށާއި އެއީ ކަނޑުމަސް އަލާވާ މުހިންމު ތަންތަން ކަމަށް ބުންޏެވެ.

އެ ދިރާސާކުރުމަށް ކަނޑުއަޑި އަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން އިސްކޮށް އުޅޭނެ ކަމަށާއި ފީނުމަށް ބޭނުންކުރާނީ ކަނޑުގެ އެންމެ ފުނަށް ދެވޭ ޒާތުގެ "ސަބްމާސިބަލްތަކެއް" ކަމަށް ކުރިން ބުނެފައިވެ އެވެ. އެ ދިރާސާ މިޝަންގައި ޖުމްލަ 40 ބައިވެރިން ހިމެނޭއިރު، އެއީ 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހެކެވެ.