Roadha Mihaaru
މަޝްރޫމުން ސިމެންތި ހެދިދާނެ

މަޝްރޫމުން ސިމެންތި ހެދިދާނެ

05 ފެބުރުއަރީ 2021

އިމާރާތްކުރުމަށް ސިމެންތީގެ ބަދަލުގައި މަޝްރޫމަކީ ބޭނުންކުރެވިދާނެ އުންމީދީ އެއްޗެއް ކަމަށް ރިސާޗަރުންތަކެއް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިމާރާތްކުރުމަށް ސިމެންތީގެ ބަދަލުގައި މަޝްރޫމަކީ ބޭނުންކުރެވިދާނެ އުންމީދީ އެއްޗެއް ކަމަށް ރިސާޗަރުންތަކެއް ބުނެފި އެވެ.

،މިކަމާ ބެހޭ ދިރާސާތަކެއް އަންނަނީ ހަދަމުންނެވެ. އެ މަސައްކަތް އަދި ވަރަށް ޅަފަތުގައި އޮތް ކަމަށް ވިޔަސް ނަތީޖާއާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް ރިސާޗަރުން ބުނެ އެވެ.

ސިމެންތީގެ ބަދަލުގައި މަޝްރޫމަކީ ބޭނުންކުރެވިދާނެ އެއްޗެއްކަން މިކަމާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ތަހުލީލުތަކުން ވެސް ދައްކަ އެވެ. މިފަދަ އީޖާދެއްގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް ޗޭންޖާ ދެކޮޅަށް މަސައްކަތްކުރުމެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް، އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތުގެ ތެރެއިން ޖައްވަށް ބޭރުވާ އެމިޝަންތަކުގެ އަދަދު ނިސްބަތުން ގިނަ އެވެ. ދިރާސާތަކުން ގޮތުގައި އެ އަދަދު ޝިޕިން އާއި އޭވިއޭޝަން ދާއިރާ އިން ބޭރުވާ އެމިޝަންތައް އެއްކޮށްލުމުން އަރާ އަދަދަށް ވުރެ ވެސް ބޮޑެވެ.

އިމާރާތްކުރުމުގެ ދާއިރާ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް އިންޑަސްޓްރީ އެވެ. މި ދާއިރާގެ ވަރަށް އަސާސީ އެއްޗެއް ކަމަށްވާ ސިމެންތީގެ ބަދަލުގައި މަޝްރޫމް ބޭނުންކުރުމަކީ މުސްތަގުބަލަށް ކުރެެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ.

އެހެންވެ މަޝްރޫމަކީ ކުރިމަގުގެ ސިމެންތި އަށް ވެދާނެ އެވެ. ރިސާޗަރުން ވިދާޅުވާ ގޮތުގައި މަޝްރޫމްގެ އަސްލު ކަމަށްވާ ފަންގަސް އަކީ ވަރަށް ވަރުގަދަ މާއްދާއެކެވެ. އެހެންވެ ފަންގައި ސިފަކުރަނީ "ގިނަ ދުވަހަށް ދެމިހުންނަ ބައޮޑިގްރެޑަބަލް އަދި ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ އެއްޗެއް" ގެ ގޮތުގަ އެވެ.

ދަ ލިވިން ކިޔާ ކުންފުންޏެއްގެ އާޓިކެޓެއް ކަމަށްވާ ޑޭވިޑް ބެންޖަމިން ވިދާޅުވި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާ އަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ނަމަ މަޝްރޫމްގެ ބޭނުން ހިފަން ޖެހެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުމީ ބަދަލުތަކުގެ އަސަރުކުރާ މިންވަރު ތަފާތު ވިޔަސް، އިމާރާތްކުރުމުގެ ދާއިރާ އަށް ބޮޑު ބަދަލެއް ގެނުވާނެ އެކައްޗަކީ ކުރިއަށް އޮތް ތަނުގައި "މަޝްރޫމް ބްރިކް" އެވެ.

"މިފަދަ އެއްޗަކަށް ބަދަލުވާން މިހާރު ވެސް އޮތީ ލަސްވެފައި. އެހެންވީމާ ދިރާސާތަކާއި ޓެސްޓްތައް އަވަސްކޮށް ނަތީޖާއަކާ ހަމައަކަށް ދާން މަސައްކަތްކުރަން ޖެހޭ،" ޑޭވިޑް ވިދާޅުވި އެވެ. "ޔަގީންވާ ކަމަކީ މަޝްރޫމަކީ މިހާރު ބޭނުންކުރާ ކޮންކްރީޓްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެެއްކަން."